މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އިލްތިމާސެއް: އަނިޔާވެރިކަން ފެންނަ ފޮޓޯތައް ދައުރު ނުކުރޭ

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެންނަ މަންޒަރު ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ފޮޓޯތައް އެކަކު އަނެކަކަށް ފޮނުވާ ދައުރުކޮށް ނުހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.

ޝިއާއު މަރާލާފައި އޮތް ވަގުތު ނަގާފައިވާ ކަމަށް ބުނާ ދެތީން ފޮޓޯ ރެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފުލުހުންގެ ތެރެއިން އެއްވެސް ފޮޓޯއެއް ލީކުވެފައި ވާކަން މިހާތަނަށް އެނގިފައިނުވާ ކަަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

އާންމުވެފައިވާ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ނުބުނެއެވެ.

"ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ދަންނަވަމެވެ. އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް ނުބެލެވެއެވެ،"

ފުލުހުން ބުނީ އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުން ކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

"އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެ ފަދަ ފޮޓޯތަކަކަށް ވުމާއެކު އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.