ދިރާގު

ދިރާގުން ރެޑް ކްރެސެންޓުގެ މަސައްކަތްތަކަށް އެހީ

Aug 17, 2022

ދިވެހި ރެޑް ކްރެސެންޓް އިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ދިރާގުން ކޯޕަރޭޓް މެމްބަޝިޕް އައުކޮށްފި އެވެ.

ދިރާގުން ބުނީ 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިރާގުގެ މި އިސްނެންގެވުމާއިއެކު އައު ކުރެވުނު މެމްބަޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށް އެހީތެރިކަން ލިބިގެންދެ އެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އަރިސް ކުރާ ކަމަށެވެ.

"ދިވެހި ރެޑް ކްރެސެންޓު ގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ ކޯޕަރޭޓް މެމްބަޝިޕްގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި "ޓޯލް ފްރީ ހެލްޕްލަ" އިން ފަދަ ޓެލެކޮމިއުނިކޭޝަން އާއި ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރަމެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓް އާއި ދެމެދު ޤާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ