ރައްޔިތުންގެ މަޖިލިސް

20 ބިލަކާ އެކު މަޖިލިސް ފަށައިފި

Aug 18, 2022
1

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އޮތް 20 ބިލަކާ އެކު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު މަޖިލީހަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ 30 ބިލްގެ ލިސްޓް ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ވެބްސައިޓްގައި ލިސްޓް އާންމުކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ރައީސް ނަޝީދު ވަނީ މިވަގުތު މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކުގެ ތަފާސްހިސާބުވެސް ހިއްސާކުރައްވާފަ އެވެ.

ކޮމިޓީގައި ހުރި ބިލްތައް

  • އިގްތިސޯދީ ކޮމިޓީ - ދެ ބިލް
  • ޖުޑިޝަރީ ކޮމިޓީ - ފަސް ބިލް
  • އިޖުތިމާއީ ކޮމިޓީ - ދެ ބިލް
  • ލާމަރުކަޒީ ކޮމިޓީ - އެއް ބިލް
  • މާލިއްޔަތު ކޮމިޓީ - ތިން ބިލް
  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ - އެއް ބިލް
  • އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ - ދެ ބިލް
  • ޖޮއިންޓް ކޮމިޓީތައް - ހަތަރު ބިލް

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ 43 މެންބަރުންނާ އެކު އެވެ. ސަލާމުގައި ހަތަރު މެންބަރުން ތިއްބެވި ކަމަށްވެސް ރިޔާސަތުން އިއުލާންކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން މިހާރު ވެސް މަސައްކަތް ކުރައްވަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ މިދައުރުގެ ތެރޭގައި ދެ ފެކްޝަންގެ ވާދަވެރިކަން އިތުރަށް ބޮޑުވެ، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިނގާ ކޯޅުން އިތުރުވާނެ ކަމަށް ފެނެ އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން މިހާރު ވެސް ގެންދަވަނީ މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިދައުރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށިއިރު މަޖިލީހުގެ އިތުރު މެންބަރަކު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފަ އެވެ. އެއީ މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. ސައުދުގެ ސޮޔާ އެކު މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 66 އަކަށް އިތުރުވެފަ އެވެ.