އެޗްޑީސީ

ވިނަރެސް ފިހާރަތައް ކުއްޔަށް ދޫކުރަން ހުޅުވާލަނީ

Aug 18, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގައި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި މަހުގެ ބާވަތްތަކަށް ހާއްސަ ފިހާރައަކާއި އާންމު މުދާ ވިއްކާ ފިހާރަތަކެއް ހުޅުވަން ނިންމާ، އެތަންތަން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ތެރޭގައި ފުރުސަތު ހުޅުވާލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ވިނަރެސް ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ތަފާތު ވިޔަފާރިތަކަށެވެ. އެގޮތުން މިތަންތަނުގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގުމަށް ޖާގަ ހަމަޖައްސަން އެޗްޑީސީން ނިންމާފައިވެ އެވެ.

އެޗްޑީސީ އިން މިއަދު ވަނީ އެތަނުގައި ކުލި ދައްކައިގެން ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް މިމަހު އެފުރުސަތު ހުޅުވައިލާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން ވިނަރެސް ފްލެޓްތަކުގައި އާންމު މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. އޭގެ ފަހުން އެޗްޑީސީގެ އޮފީހަށް ވެސް މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

މީގެ އިތުރުން އެތަނުގައި މަސް ފިހާރަ ހުޅުވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ. އޭގެ ކުރިން ޕޯޓަލް މެދުވެރިކޮށް ވެސް ޕްރޮޕޯސަލް ހުށަހަޅަން ވާނެ ކަމަށާއި، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ މެންދުރު 1:00ގެ ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޔުނިޓްތައް ކުއްޔަށް ނެގުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހެ އެވެ.

އެޗްޑީސީ އިން މިހާރު ވަނީ ވިނަރެސް ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ވަނީ ހުޅުވާލާފަ އެވެ.