އެމްޑީޕީ

ރިޔާސީ ޕްރައިމަރީ އޮންނާނެ: އެމްޑީޕީ

Aug 19, 2022

އެމްޑީޕީގެ ކޮންގްރެސްގެ ފަހުން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފި އެވެ.

އެމްޑީޕީގެ ކޮންގްރެސް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް އެޖެންޑާކޮށްފައި ނެތް ކަމުގެ ޔަގީންކަން އެމްޑީޕީން ދެއެވެ.

ކޮންގްރެސްގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް މައްސަލައެއް ކޮންގްރެސްގެ އެޖެންޑާގައި ނެތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ބޭފުޅަކަށްވީ ނަމަވެސް ޕާޓީގެ ރިޔާސީ ޓިކެޓް އޮޓޮމެޓިކުން ލިބޭނެ ގޮތެއް ޕާޓީގެ އަސާސީ ގަވައިދުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކޮންގްރެސްގެ ފަހުން އާންމުކޮށް އިއުލާންކޮށްގެން ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ފަހުގެ ތާރީހެއްގައި އޮންނާނެ ކަމުގެ ޔަގީންކަން އަހްމަދު ދެއްވެވި އެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ ގުޅޭ އެއްވެސް އިސްލާހެއް [ކޮންގްރެސްއަށް] ލިބިފައެއް ނެތް،" އަހްމަދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ރަޝީދު (އިބްރޭ) ވިދާޅުވީ ކޮންގްރެސްއަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އެމްޑީޕީ އިތުރަށް ހިންގުން ހަރުދަނާކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވައިދަށް ގެންނަން ފެންނަ އިސްލާހުތަކެއް ކަމަށެވެ.

އެކަމުގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވަމުން އިބްރޭ ވިދާޅުވީ ޗެއާޕާސަންގެ ނައިބް އިންތިހާބު ކުރުން މިހާރު އޮންނަނީ ކޮންގްރެސްގައި ވޯޓުލައިގެން ކަމަށްވާތީ ޕާޓީގެ ގައުމީ މަޖިލީހުން އެކަން ކުރާ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ ނައިބް ރައީސް މިހާރު އިންތިހާބު ކުރަނީ ޕާޓީގެ އާންމު މެންބަރުންގެ ވޯޓުން ކަމަށްވާތީ އެ މަގާމަށް ބޭފުޅަކު ހަމަޖައްސާ ގޮތް ބަދަލުކުރުމަށް އިސްލާހު ލިބިފައިވާ ކަމަށްވެސް އިބްރޭ ވިދާޅުވި އެވެ. އިސްލާހު ހުށަހަޅާފައިވަނީ އެމްޑީޕީގެ ރައީސް އަށް ފެނިވަޑައިގަންނަވާ ބޭފުޅަކު ޕާޓީގެ ނައިބް ރައީސް ކަމަށް އައްޔަންކުރާ ގޮތަށެވެ. އެކަމަކު ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ތިބޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން މީހަކަށް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްވެސް އިސްލާހު ހުށަހަޅާފައިވާ ކަމަށް އިބްރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އާންމުކޮށް ހުޅުވާލައިގެން ވޯޓުލާން ނުނިންމާހާ ހިނދަކު ޕާޓީގެ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ގޮތް ނިންމާނީ ކޮންގްރެސްގެ ބައިވެރިން މެދުގައި ކުރިއަށް ގެންދާ ސިއްރު ވޯޓަކުންނެވެ.

އެމްޑީޕީގެ ކޮންގްރެސް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު ޖުމްލަ 1،400 އަށް ވުރެ ގިނަ މެންބަރުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.