އެލައިޑް އިންޝުއަރެންސް

އެލައިޑު އެހީގެ ފުރުސަތުތައް ސްކޫލުތަކަށް

Aug 20, 2022

އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިގު މުއްދަތަށް ފައިދާކުރާ އެކިއެކި ހަރަކާތްތައް ހިންގުމަށް އިސްކަން ދެއެވެ. އެގޮތުގެ މަތިން އެލައިޑުން ފެށި "ޕްރީމިއަމް ފޯ ގުޑް" އަކީ އެފަދައިން އެކި ފަރާތްތަކުން ހިންގާ، ދިގު މުއްދަތަށް އެއިން ފައިދާކުރާ ހަރަކާތްތަކަށް ހިތްވަރުދޭ އިޖުތިމާއި އޮނިގަނޑެކެވެ.

އެލައިޑުން މި މަހު ތައާރަފުކުރި އެލައިޑް އެޑިއުކޭޝަން ފަންޑް އަކީ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަންޑެކެވެ. އެގޮތުން، އެ ފަންޑުގެ މަގްސަދަކީ ދަރިވަރުންނާއި މުދައްރިސުންގެ ކުރިއެރުމަށްޓަކައި ސްކޫލުތަކުން ކުރަން ގަސްދުކުރާ ބައެއް ކަންކަމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަތައް

  • ސްކޫލުތަކުގެ ލައިބްރަރީތައް
  • ކިޔަވައިދިނުމުގެ ވަސީލަތްތައް
  • ސްކޫލުތަކުގެ ލެބްތައް
  • މުދައްރިސުންގެ ތަމްރީނު ޕްރޮގްރާމުތައް
  • ދަރިވަރުންގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް

މި ދާއިރާތަކުން ޕްރޮޖެކްޓެއް ނުވަތަ ޕްރޮގްރާމެއް ހިންގަން އެދޭ ސްކޫލުތަކުން ޕްރޮޕޯސަލް ހުށަހެޅުމުން، އޭގެ ތެރެއިން ކޮންމެވެސް 8 ޕްރޮޕޯސަލެއް އެލައިޑުން ހޮވާ، އެއިން ކޮންމެ ފަރާތަކަށް 25,000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ފަންޑިންއަށް ކުރިމަތިލެވޭނީ ސަރުކާރުން ހިންގާ ސްކޫލުތަކަށް އެކަންޏެވެ.

ފަންޑިން ލިބޭ ފަރާތް ހޮވުމުގައި އެލައިޑުން ބަލާނީ އެއިން ފައިދާކުރާނީ ސްކޫލުގެ ދަރިވަރުންގެ އާބާދީގެ ތެރެއިން ކިހާ ނިސްބަތަކަށް ކަމާއި ޕްރޮޖެކްޓުގެ ސަބަބުން ނުކުންނާނެ ދިގު މުއްދަތުގެ ފައިދާއާއި ޕްރޮޖެކްޓު ހިންގުމަށް ބޭނުންޖެހިފައިވާ މިންވަރަށާއި އޭގެ ދެމެހެއްޓެނިވި ކަމަށެވެ.

އެލައިޑްގެ އެޑިޔުކޭޝަން ފަންޑުން އަށް ފަރާތަކަށް ސްކޫލުގައި ޕްރޮޖެކްޓު ހިންގުމަށް ދޫކުރާ 25,000 ރުފިޔާއަށް ކުރިމަތިލާނީ އެކަމަށް އެދޭ އެޕްލިކޭޝަން ފޯމު މެދުވެރިކޮށް، މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.