ތިމާވެށީގެ ގޮތުން ހިމާޔަތްކުރަންޖެހޭ ތަންތަން ހިމާޔަތްކޮށްގެން ލިބޭ އާމްދަނީ ލޯކަލް ކައުންސިލްތަކަށް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ މިސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސިޔާސަތުތައް ވެސް ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތްތައް ތަންފީޒު ކުރުމުގެ ގޮތުން ރަށްރަށުގައި ހިމާޔަތްކުރަން ހުރި ތިމާވެށީގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ހުރި ގުދުރަތީ ވެށީގެ ހާއްސަ ތަންތަން ބަލަހައްޓާ އެތަންތަނުން ލިބޭ އާމްދަނީ ސީދާ އެ ކައުންސިލްތަކަށް ލިބޭ ގޮތް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.
ތިމާވެށީގެ ދާއިރާ އިން ކައުންސިލްތަކަށް ލިބޭ އާމްދަނީ އަކީ ރަށްރަށުގެ ތަރައްގީއަށް ކުރަންހުރި ކަންކަން ކުރުމަށް ލިބޭނެ މުހިއްމު އެހީ އަކަށް ވާނެ ކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުގައި ހުރި ތިމާވެށްޓާ ގުޅުންހުރި މުހިއްމު ތަންތަނުގެ މެނޭޖްމަންޓް ޕްލޭނެއް މިނިސްޓްރީން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެފަހުގައި އެތަންތަން ކައުންސިލްތަކާ ހަވާލުކުރުމުން ރަނގަޅަށް ބެލެހެއްޓި ލިބޭ މާލީ މަންފާ އިތުރުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
އައްޑޫ އާއި ފުވައްމުލަކީ ގުދުރަތީ ގޮތުން ހިތްގައިމު ސަރަހައްދުތަކެއް ލިބިފައިވާ ދެ ސިޓީ އެވެ. އަދި އައްޑޫއާއި ފުވައްމުލަކުގައި ބައެއް ސަރަހައްދުތައް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި މިނިސްޓަރު ޝައުނާ ވަނީ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކޮށްފަ އެވެ.