ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާއިސްކުރައްވާ، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާ ފާޑުވިދާޅުވުމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ޝައުނާގެ ދިފާއުގައި ނިކުންނަވައިފި އެވެ.
ރައީސް ނަޝީދު، ޝައުނާއަށް ފާޑުވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ޝައުނާ ތާއީދުކުރައްވާކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.
ޝައުނާ އަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް، ފަހިކޮށް އެމްޑީޕީ އަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް ދަންނަވާފަ އެވެ.
"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީ އަކީ ކޮބައިކަން ވަރަށް ސާފުވާނެ،" ޝައުނާ ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
ޝައުނާގެ ދިފާއުގައި ޝަރީފް މިއަދު ވިދާޅުވީ އައްޑުއަށް އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލާ ސައިޒު ކުރުމަކީ އެމްޑީޕީގައި މިހާ ހިސާބަށް ހިންގަމުން އަންނަ އާންމު ކަމެއް ކަމަށެވެ.
"އެއީ އަޅުގަނޑު ކަމަށްވިޔަސް، ޑރ. މުނައްވަރު ކަމަށްވިޔަސް، ޑރ. ދީދީ ކަމަށްވިޔަސް، އެމްޕީ އަސްލަމް ކަމަށްވިޔަސް ޖެހުނީ އެ ހާލު. މިއީ ރޭވިގެން ހިންގާ ކަމެއް. އަދު ޝައުނާ،" އައްޑޫ އަށް ނިސްބަތްވާ ޝައުނާގެ ދިފާއުގައި އައްޑޫ އަށް އުފަން ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެމްޑީޕީ ތެރެއިން އައްޑޫ ބޭފުޅުންނާ ދިމާކުރުމަކީ އައްޑޫ ރައްޔިތުން މިއަދު ފުންކޮށް ވިސްނަންވެއްޖެ ކަމަށެވެ. އައްޑޫއަށް އުފަންވާ ކޮންމެ ސިޔާސީ ލީޑަރަކު "ކިރިޔާ ބޯހިއްލާލިޔަސް ގަންބާލާ" ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ޝައުނާގެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ އެކަމަނާއަށް ފާޑު ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު މިނިސްޓަރު ފައްޔާޒާ ވާދަކުރައްވަމުން ގެންދަވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ އަތޮޅު ތެރޭގައި ކެމްޕޭން ވަރުގަދަކުރައްވަމުންނެވެ. އަދި އެއް ޓީމުން އަނެއް ޓީމަށް ގެންދަނީ ބޮޑެތި ތުހުމަތުތައްކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ވަރުގަދަ އަށް ރައްދުދެމުންނެވެ.