ރައީސް މުހައްމަދު ނަޝީދު

ނަޝީދާ ދެކޮޅަށް ކޮންގްރެސްގައި އަޑުއުފުލައިފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

މައްސަލަ ހޫނުވީ ކޮންގްރެސްގައި ބައިވެރިވުމަށް ގޮފިތައް ހަދާފައިވާ ގޮތާއި ގޮފިތަކުގެ ރައީސުން ކަނޑައަޅާފައިވާ ގޮތާ މެދު ސުވާލު އުފައްދަވާ ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވާހަކަދެއްކެވުމުންނެވެ.

މައްސަލަ ބޮޑަށް ހޫނުވީ ރައީސް ނަޝީދާއި ޝިފާޒު ދެއްކެވި ވާހަކަތަކަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ރައްދު ދެއްވުމުން ޝަރީފްގެ ވާހަކަފުޅަށް ރައީސް ނަޝީދު އަނެއްކާވެސް ރައްދު ދެއްވުމުންނެވެ.

ޝަރީފް ވިދާޅުވީ ކޮންގްރެސް އަކީ އެމްޑީޕީގެ އެންމެ މަތީ ގުނަން ކަމަށާއި އެ ގުނަނުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމުގެ ހައިސިއްޔަތެއް އަދި ކޮންގްރެސްގެ ބާރު ކެނޑޭ ގޮތަށް ވާހަކަދެއްކުމުގެ އެއްވެސް ހައިސިއްޔަތެއް ރައީސް ނަޝީދާއި ޝިފާޒަށް ލިބިގެން ނުވާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކޮންގްރެސް އަށް ގޮފިތައް އެކުލަވާލައި ގޮފިތަކުގެ ރައީސުން ކަނޑައެޅީ ރަނގަޅަށް ކަމަށްވާތީ އެކަން ކުރީ ގޯސްކޮށް ކަމަށް އެއްވެސް ބޭފުޅަކަށް ނުދެންނެވޭނެ ކަމަށެވެ.

ޝަރީފްގެ ފަހުން ރައީސް ނަޝީދަށް އެއްޗެއް ވިދާޅުވުމަށް ކޮންގްރެސްގެ ޗެއާ އިބްރާހީމް ވަހީދު ފުރުސަތު ދެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ކޮންގްރެސްއަށް ގޮފިތައް އެކުލަވާލާ، ގޮފިތަކުގެ ރައީސުން ކަނޑައެޅި ގޮތް ކޮންގްރެސްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކޮންގްރެސްއަށް ގޮފިތައް އެކުލަވާލާ، ގޮފިތަކުގެ ރައީސުން ކަނޑައެޅި ގޮތާ މެދު ރައީސް ނަޝީދު ތަކުރާރުކޮށް ސުވާލު އުފެއްދެވުމާ ގުޅިގެން ކޮންގްރެސްގެ ބައިވެރިން ވަނީ ރައީސް ނަޝީދާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި ބައެއް ބޭފުޅުން ގޮނޑި ތެދުވެގެން ކޮޅަށް ތިބެގެން ވެސް ރައީސް ނަޝީދާ ދެކޮޅަށް އަޑުއުފުލާފައިވެ އެވެ.

އޭގެފަހުން ކޮންގްރެސްގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވެސް ވަނީ ގޮފިތަކުގެ ސައްހަކަމާ މެދު ރައީސް ނަޝީދު ސުވާލު އުފެއްދެވީތީ އެކަމަށް ރައްދު ދެއްވާފަ އެވެ.