އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސްގެ އިސްލާހުތަކަށް ވޯޓަށް އަހަން ފަށައިފި

Aug 21, 2022

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އަހަން ފަށައިފި އެވެ.

އިސްލާހުތަކަށް ވޯޓަށް އެހުމުގެ ކުރިން ފުރަތަމަ ވޯޓަށް އެހީ ވޯޓުލާނެ ގޮތަކާ މެދު އެވެ. އެގޮތުން ވޯޓުލީ މީހުންގެ އަގުލަބިއްޔަތުން ފާސްކުރީ އާންމު ވޯޓެއް ލުމަށެވެ.

ވޯޓުލުން ކުރިއަށް ގެންދަނީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ބޭފުޅުންނަށް ދޫކޮށްފައިވާ ފާހުގައި ޖަހާފައިވާ ބާކޯޑް ސްކޭނަރަކަށް ދިމާކޮށްލުމުން ބާކޯޑް ރީޑްކުރާ ގޮތަށެވެ. ބާކޯޑް ރީޑްކުރާ ވަރަކަށް ނަތީޖާ ވަގުތުން ފެންނަ ގޮތަށް ކޮންގްރެސް ހޯލްގައި ސްކްރީން ތަކެއް ބަހައްޓާފައި ހުރެ އެވެ.

ކޮންގްރެސްގެ ހޯލުގައި އެއްފަޅި ހާއްސަކޮށްފައިވަނީ އިސްލާހުތަކަށް ތާއީދު ކުރައްވާ ބޭފުޅުންނަށެވެ. އަނެއްފަޅި ހާއްސަކޮށްފައިވަނީ އިސްލާހުތަކަށް ދެކޮޅު ހައްދަވާ ބޭފުޅުން ވޯޓުލުމަށެވެ.

ކޮންގްރެސްގެ ރިޔާސަތުން އިއުލާންކުރި ގޮތުގައި ހަ އިސްލާހަކަށް ތާއީދު ލިބިފައިވެ އެވެ.

އެންމެ ފުރަތަމަ ވޯޓަށް އެހީ އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާނެ ތިންކް ޓޭންކެއް އުފެއްދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ. މިއިސްލާހަށް ތާއީދުކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. މިއސްލާހު ފާސްކުރުމަށް 915 ބޭފުޅުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން ބޭފުޅުންނެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވޯޓަށް އެހުމަށް ކުރިން ހަމަޖެހިފައި އޮތް އެންމެ މުހިއްމު ވޯޓަކީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރެވެ. ނަމަވެސް ކޮންގްރެސްގެ ބައިވެރިންގެ ފަރާތުން ގަރާރަށް ތާއީދު ނުލިބޭނެ ކަމަށް ޔަގީންވުމާ އެކު ރައީސް ނަޝީދު މިހާރު ވަނީ އެ ގަރާރު އަނބުރާ ގެންގޮސްފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ރައީސް ބޭނުންވާ ބޭފުޅަކު ޕާޓީގެ ނައިބް ރައީސް އަކަށް ހަމަޖެއްސުމާއި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ޕާޓީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ހޮވާގޮތަށް ހަމަޖެއްސުމާއި، އިސްލާމީ މަޝްވަރާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ.