ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކުރުކޮށް ލެއްވުމަށް ފަހު މާދަމާ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތުމާ އެކު އެމަނިކުފާނު ހައްޔަރުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އަޑުފެތުރިފައި ވަނިކޮށް އެމަނިކުފާނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރަން އުޅޭކަމުގެ ހަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މާދަމާ މެންދުރުފަހު މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނަޝީދު މާދަމާ މާލެ ވަޑައިގަތުމަށް ނިންމެވިއިރު އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ މެދު ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ނަޝީދު މާދަމާ މާލެ ވަޑައިގަންނަވާއިރު ނަޝީދުގެ މައްޗަށް ކުރާ ޖިނާއީ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ދޮޅު އަހަރަށް ފަހު މިމަހުގެ 28 ގައި ބާއްވަން ހައި ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލާ ހުޅުމާލެ ކޯޓުގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ.