ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހަަތަރު މީހަކަށް ދައުވާކުރަން ފޮނުވައިފި

Aug 22, 2022
3

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ތިން މީހަކާއި އަލަމްގީރުގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕީޖީ އޮފީހުން މި މަހުގެ 18 ވަނަ ދުވަހު ދައުވާކޮށްފައިވަނީ މިމައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

އެނގިފައިވާ ގޮތުގައި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

ޖިންސީ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭއިރު ގާނޫނުލްއުގޫބާތުގެ ދަށުންވެސް ޖަލު ހުކުމެއް އިއްވާނެ އެވެ.

އަވަސް އަށް މީގެކުރިން ދެއްވި އިންޓަވިއު އެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ 38 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރެވޭ ވަރަކުން ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ތަހުގީގަށް އެއީ ކޮން ބައެއް ކަން ޔަގީންކުރެވޭ 18 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެކުރިން ހާމަކޮށްފައިވެ އެވެ.

އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.