ރޮޒައިނާ އާދަމް

ޑަބްލިއުޑީސީތަކުގެ އިންތިހާބުތައް އަހަރަކު އެއްފަހަރު ބާއްވަނީ

Aug 22, 2022
2

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ ޑަބްލިއުޑީސީ ތަކުގެ ބައި އިލެކްޝަން ކޮންމެ އަހަރަކުވެސް ވަކި ތާރީހެއް ބާއްވަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާގެ އިސްލާހުގައި ބުނެފައިވަނީ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުތައް ބާއްވާނީ އެ ކޮމިޓީތަކުގެ ކޯރަމް ނުގެއްލޭނަމަ އަހަރަކު އެއް ފަހަރު ކަމަށެވެ. އަދި އެ އިންތިހާބުތައް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަންގެ އިރުޝާދުގެ ދަށުން އަންހެނުންގެ ކޮމިޓީއެއް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކުން މެންބަރަކު އިސްތިއުފާދޭ ތާރީހުން ފެށިގެން 60 ދުވަސް ތެރޭގައި ބައި އިލެކްޝަން ބާއްވަންޖެހެ އެވެ.

އަންހެނުންގެ ކޮމިޓީތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ އެ މައްސަލަ ހައްލުކުރުމަށްވެސް އިސްލާހު ހުށަހަޅުއްވާފައިވެ ވެ އެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ނިންމާ ނިންމުންތައް ކައުންސިލްތަކުން ތަންފީޒު ކުރަންޖެހޭ ފަދަ އިސްލާހެއް ހުށަހަޅުއްވާފައިވެ އެވެ. މީގެއިތުރުން އަންހެނުންގެ ކޮމިޓީތަކުގެ ދައުރު ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށްވެސް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމުންނާއި އެފަދަ ކޮންމެ އިންތިހާބަކަށް ބޮޑު ހަރަދެއް ހިނގާތީ އިލެކްޝަންސް ކޮމިޝަނުން ގެންދަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ރޮޒައިނާގެ އިސްލާހުތަކަކީ ކޮމިޝަންގެ ކަންބޮޑުވުންތަކަށް ލިބޭނެ ހައްލެއް ކަމަށް މެންބަރު ދެކެވަޑައިގަންނަވަ އެވެ.