ފައިސަލް ނަސީމް

ގައިދީންނާމެދު އިހުސާންތެރިވާން ޖެހޭ: ނާއިބު ރައީސް

Aug 23, 2022
1

ޖަލަށް ގެނެވޭ ކޮންމެ މީހަކީވެސް ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމައަށް ގެންދެވޭނެ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި ގައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެ ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައިސަލް ވިދާޅުވީ ގައިދީންނާއި މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިޙްތިރާމާއި އިހްސާންތެރިކަމާއި އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމައަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހަކާއި މެދު ތަފާތު ކުރުމެއް ގެންގުޅެ ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ އެއްވެސް ހާލެއްގައި މި މުޖުތަމައުގެ ތެރޭގައި ކަން ކޮށްގެން ވާނެ ގޮތް ނޫން ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތް ކަމަށެވެ. އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާން ޖެހޭނީ ޖަލުގައި ތިބި ގައިދީންނާއި ދޭތެރޭގައި އިހްތިރާމާއި އިހްސާންތެރިކަމާއި އެކު އަމަލު ކުރެވި އެ ފަރާތްތައް އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށް ދިނުން ކަމަށެވެ.