މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ޝާހީ އަފޫއާންމެއް ލިބިވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މެލޭޝިއާ ބަދަލުކޮށްލެއްވި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނަޖީބު މިހާރު ހުންނެވީ ޖަލު ބަންދުގަ އެވެ. ކޮރަޕްޝަނާއި މަގާމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަންގަވައި ދައުލަތަށް ލިބެން ހުރި އެތައް ބިލިއަން ފައިސާއެއް އަމިއްލަ ހައިސިއްޔަތުން ބައްސަވައި ބޭނުންކުރެއްވި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ – ސަލާމަތްވެ ވަޑައިނުގަނެވޭ މިންވަރަށް އޮތީ ސާބިތުވެފަ އެވެ. އޭނާއަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
މެލޭޝިއާގައި ނަޖީބު ބޮޑުވަޒީރުކަން ކުރެއްވިއިރު ސަރުކާރުގެ އިސްވެރިންގެ މެދުގައި ކޮރަޕްޝަނާއި އުސޫލުން ބޭރުން މަގާމުގެ ފައިދާ ނެގުން އޮތީ ހައްދުފަހަނަ އަޅާފަ އެވެ. އޭނާގެ ވެރިކަން 2018ގައި ވައްޓާލަން މަހާތީރު އިސްކޮށް ހުންވައި ކުރެއްވި މަސައްކަތުން ނަޖީބަށް ވަދެވަޑައިގަންނަވަން ޖެހުނި ޖަލަށެވެ.
މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކު "ވަންއެމްޑީބީ"ގެ ފޮރިން އިންވެސްޓްމަންޓު ޔުނިޓުން 10 މިލިއަން ޑޮލަރު ނަޖީބު ނެންގެވިކަން ފަޅާއަރައި 2020ގައި ކުރެވުނު ޝަރީއަތުން އޭނާއަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އެއާއެކު 46.88 މިލިއަން ޑޮަލަރުން ޖޫރިމަނާކުރި އެވެ.
މި މައްސަލަ ނަޖީބުގެ ފަރާތުން އިސްތިއުނާފުކޮށް ޝަރުއީ މަރުހަލާތައް ކުރިއަށް ގެންދިއުމުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު މިހާރު އޮތީ ހުކުމް ވަރަށް ރަނގަޅަށް ސާފުވެފަ އެވެ. އަދި ޖަލު ފިޔަވައި އެހެން ފުރުސަތެއް ޝަރުއީ ނިޒާމުގެ ތެރެއިން ގެއްލިފަ އެވެ.
އެހެން ނަމަވެސް މަހާތީރު ދެކެވަޑައިގަންނަވާ ގޮތުގައި ނަޖީބުމެން ކަހަލަ ބޭފުޅުންނަށް ޝާހީ އަފޫއާންމު ލައްވާލުމަކީ އާންމު ކަމެކެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އަފޫއާންމަކުން ނަޖީބު ވަރަށް އަވަހަށް ސަލާމަތްވެ ވަޑައިގަންނަވާނެ ކަަމަށެވެ.
ރަސްގެފާން އަފޫއާންމު ދެއްވުމުގައި ގައުމުގެ ސަލާމަތާއި ރައްކަލަށް ވަރަށް ބޮޑަށް ބައްލަވަ އެވެ. ނަޖީބަކީ މެލޭޝިއާގައި އަދިވެސް ވަރަށް ގިނަ ބަޔަކު ލޯބިވާ ވެރިއެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް އަދިވެސް އެންމެ ރަނގަޅީ ނަޖީބު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މަހާތީރު ދެއްކެވި ވާހަކަތައް ނިސްބަތް ކުރެވެނީ މެލޭޝިއާގައި ނަޖީބަށް އޮތް ތާއީދަށެވެ. އާންމުންގެ ގިނަ ބަޔަކު އެހާ ބޮޑަށް އެދޭ ކަމެއްގައި ރަސްގެފާންގެ އޯގާތެރިކަން މީގެ ކުރިންވެސް ރައްޔިތުން ވަނީ ދެކެފަ އެވެ.