ކުއަލަ ލަމްޕޫރު (އޭޕްރީލް 3) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީބީގެ ފައިސާއިން ގަނެފައިވާ ލަގްޒަރީ ޔޮޓެއް 126 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި، މެލޭޝިއާގެ އިގުތިސޯދު ފުޅާކުރަން 2009 އުފެއްދި ވަންއެމްޑީބީއިން އެތަކެއް ބިލިއަން ޑޮލަރެއް ގެއްލިފައިވާއިރު، އެ ޔޮޓު ވިއްކާލައިގެން ހޯދި ފައިސާއަކީ، އެ ހިޔާނާތުގައި ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް ދައުލަތަށް އަނބުރާ ހޯދުނު އެންމެ ބޮޑު އަދަދެވެ.
އެމެރިކާގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ވަންއެމްޑީބީގެ ފައިސާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ލަގްޒަރީ ފްލެޓުތަކާއި، ޔޮޓުތަކުގެ އިތުރުން ޕްރައިވެޓް ޖެޓުތަކާއި، އެޕާޓްމަންޓުތައް ގަނެފައިވެ އެވެ.
އެ ޔޮޓު ގަނެފައިވަނީ، އެ ހިޔާނާތުގައި އިސް ދައުރެއް އަދާކުރިކަމަށް ތުހުމަތުކުރެވޭ ވިޔަފާރިވެރިއެއްކަމަށްވާ ލޯ ތާއެކް ޖޯ އެވެ. އެ އުޅަނދު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ނެގިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. ސްވިމިންގް ޕޫލަކާއި، މޫވީ ތިއޭޓަރެއްގެ އިތުރުން، ހެލިކޮޕްޓަރު ޖެއްސޭގޮތަށް ބަނދެފައިވާ އެ ޔޮޓު ގަނެފައިވަނީ 250 މިލިއަން ޑޮލަރަށްކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ލަގްޒަރީ އުޅަނދު ވިއްކާލާފައިވަނީ، ނަޖީބު ރައްޒާގުގެ ޝަރީއަތް ފަށަން ތައްޔާރުވެފައިވަނިކޮށެވެ.
1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 681 މިލިއަން ޑޮލަރު ޖަމާކުރިކަމުގެ ތުހުމަތު އޭނާއަށް ވަނީ ކޮށްފަ އެވެ.
ނަޖީބުގެ މައްޗަށް ގިނަ ޖިނާއީ ތަހުގީގުތަކެއް ކުރެވެމުންދާ ނަމަވެސް، މިއީ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ މައްސަލަ އެވެ. މި ޝަރީއަތް ފެށުމަށް މިދިޔަ ފެބްރުއަރީ މަހު ތާވަލުކުރެވުނު ނަމަވެސް، އެ ދައުވާތަކާއި ގުޅޭ އިސްތިއުނާފުތަކަށް ވަގުތު ދިނުމަށް ޝަރީއަތް ފަސްކުރީ އެވެ.
1އެމްޑީބީ ހިޔާނާތާއި ގުޅިގެން، ނަޖީބުގެ މައްޗަށް ތަފާތު 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެގޮތުން، މިއަދު ފެށުމަށް ހަމަޖެހިފައިވަނީ، ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކުރުމާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެ މައްސަލާގައި، މަނީ ލޯންޑަރިންގެ ތިން ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ. އެ ހުރިހާ ދައުވަތާކަށް ނަޖީބު ވަނީ އިންކާރުކުރައްވައިފަ އެވެ.
ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.