ދުނިޔެ

މެލޭޝިއާ ބޮޑު ހިޔާނާތާއި ގުޅިގެން ނަޖީބުގެ ޝަރީއަތް ފަށަނީ

Apr 3, 2019

ކުއަލަ ލަމްޕޫރު (އޭޕްރީލް 3) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީޕީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 681 މިލިއަން ޑޮލަރު ޖަމާކުރިކަމުގެ ތުހުމަތު އޭނާއަށް ވަނީ ކޮށްފަ އެވެ.

ނަޖީބުގެ މައްޗަށް ގިނަ ޖިނާއީ ތަހުގީގުތަކެއް ކުރެވެމުންދާ ނަމަވެސް، މިއީ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ މައްސަލަ އެވެ. މި ޝަރީއަތް ފެށުމަށް މިދިޔަ ފެބްރުއަރީ މަހު ތާވަލުކުރެވުނު ނަމަވެސް، އެ ދައުވާތަކާއި ގުޅޭ އިސްތިއުނާފުތަކަށް ވަގުތު ދިނުމަށް ޝަރީއަތް ފަސްކުރީ އެވެ.

1އެމްޑީބީ ހިޔާނާތާއި ގުޅިގެން، ނަޖީބުގެ މައްޗަށް ތަފާތު 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެގޮތުން، މިއަދު ފެށުމަށް ހަމަޖެހިފައިވަނީ، ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކުރުމާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެ މައްސަލާގައި، މަނީ ލޯންޑަރިންގެ ތިން ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ. އެ ހުރިހާ ދައުވަތާކަށް ނަޖީބު ވަނީ އިންކާރުކުރައްވައިފަ އެވެ.

ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.