މެލޭޝިޔާ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ހިޔާނާތުގެ ޝަރީއަތް ފަށައިފި

މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީބީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ނަޖީބު މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށާފައި މިވަނީ މީގެ ކުރިން އެތަކެއް ފަހަރު ޝަރީއަތް ފަށަން އުޅުނު ނަމަވެސް ނުފެށި މަޑުޖެހިފައި ވަނިކޮށެވެ. ޝަރީއަތް ނުފެށި ލަސްވީ ނަޖީބު ލޮލަށް ފަރުވާ ހޯއްދަވަން ކޯޓުން ވަގުތު ދިނުމާއި ގުޅިގެންނެވެ.

1އެމްޑީބީ ހިޔާނާތާއި ގުޅިގެން، ނަޖީބުގެ މައްޗަށް ތަފާތު 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެގޮތުން، މިއަދު ފެށީ ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާ ކުރުމާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެ މައްސަލާގައި، މަނީ ލޯންޑަރިންގެ ތިން ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ. އެ ހުރިހާ ދައުވަތާކަށް ނަޖީބު ވަނީ އިންކާރު ކުރައްވާފަ އެވެ.

މިއަދުގެ ޝަރީއަތުގައި ނަޖީބު ވަކީލުން ވަނީ މައްސަލައިގެ ކުރިއަށް ދިޔުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ ބައްލަވާ ހައި ކޯޓުގެ ގާޒީ ވަނީ ވަކީލުންގެ އެ ދުމުގެ މަތިން 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މެލޭޝިއާގެ ޕްރޮސެކިއުޓަރުން ވަނީ ނަޖީބާ ދެކޮޅަށް ކިތާބީ ހެކީގެ ގޮތުގައި ހާހަކަށްވުރެ ގިނަ ޑޮކިއުމެންޓް ވެސް ހުށަހަޅާފަ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލި ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރަ އެވެ.