އަންނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ރިޔާސީ އިންތިހާބުގެ ބަޖެޓުގެ ގޮތުގައި 120 މިލިއަން ރުފިޔާ ކަނޑައަޅައި އަންނަ އަހަރުގެ ބަޖެޓުގައި އެ އަދަދު ހިމަނާފައިވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ އަންނަ އަހަރުގެ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އޮފިޝަލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ބަޖެޓު ކަނޑައެޅީ އިންތިހާބުގައި ދެވަނަ ބުރެއް އޮންނާނެ ކަމަށް ބަލައިގެން އެގޮތަށް ވިސްނައިގެން ކަމަށެވެ. ރިޔާސީ އިންތިހާބަށް ކަނޑައެޅި 120 މިލިއަން ރުފިޔާގެ ތެރެއިން ފުރަތަމަ ބުރަށް ހަރަދުވާނެ ކަމަށް ބަލާފައިވަނީ 95 މިލިއަން ރުފިޔާ އެވެ. ދެވަނަ ބުރެއް ބާއްވާނަމަ 25 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ބަޖެޓް ކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބަށް އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ދަތުރުފަތުރަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އިންތިހާބުގެ ބަޖެޓުގެ ގޮތުގައި 120 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް ހަރަދު ވީހާވެސް ކުޑަކޮށް އިންތިހާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނެ ކަމުގައިވެސް ކޮމިޝަނުން ބުންޏެވެ.
އަންނަ އަހަރު ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މިހާރު ތައްޔާރުވަމުންދާއިރު ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހަވާލުކޮށްފަ އެވެ. ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓުން ނެރޭނެ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އެ ޕާޓީ ތަކުގެ ޓިކެޓް ހަވާލުކުރާނެ ބޭފުޅެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައިވަނީ ރިޔާސީ ޕްރައިމަރީ ބޭއްވުމަށްފަހު މޮޅުވާ ބޭފުޅަކަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ.