ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މ. އަތޮޅަށް ފުރާވަޑައިގެންފި

Aug 27, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މ. ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް، މުއްޔަށް ރައީސް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

މ. އަތޮޅުގެ ރަށްތަކުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ރައީސްގެ މިދަތުރުފުޅުގައި ބައްލަވާލެއްވުމަށް ހަމަޖެހިފަ އެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހް މ. އަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނަ އެވެ.

ރައީސް ސޯލިހް މ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ