ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ރަތްމަންދޫއަށް ވަޑައިގެންފި

Aug 27, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށެއްގެ ގޮތުގައި މ. ރަތްމަންދޫ އަށް ވަޑައިގެންފި އެވެ.

ރާއްޖޭގެ އެންމެ ކުޑަ އާބާދީ އޮތް މ. ރަތްމަންދޫ އަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރަތްމަންދޫގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ފެނަކަ އާ އިންޖީނުގެއާއި އޮފީސް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ރަތްމަންދޫގެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަޑުއްވަރި އަށެވެ. އޭގެފަހުން ދިއްގަރަށް ވަޑައިގަތުމަށް ވޭވަށަށް ވަޑައިގަންނަވާނެ އެވެ. އެންމެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ މ. މުއްްޔަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. މީގެއިތުރުން މ. އަތޮޅުގެ ރަށްތަކުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް އެމަނިކުފާނު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މިއަދު ހެނދުނު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށްފަހު ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.