ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2022 -- އެފްއެޗްއޭއެމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސް އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެގްޒިބިޝަން މާދަމާ ހުޅުއްވައިދެއްވާނީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މިއެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.
ކޮންމެ އަހަރަކުވެސް މި އެގްޒިބިޝްންއަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި، ރެސްޓޯރެންޓްތަކާއި އަދި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.
އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށް ވުރެ ގިނަ ރިސޯޓު ތަމްސީލުކުރާ 30 އަށް ވުރެ ގިނަ ގައުމުގެ ޝެފުންގެ ބައިވެރިވުމާއެކު ބާއްވާ މުބާރާތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް މުބާރާތެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.