ވިޔަފާރި

ކޭޝް ކާޑަށް ރައްކާތެރިވާން މަރުކަޒީ ބޭންކުން އިލްތިމާސްކޮށްފި

Jan 11, 2016
  • އޮޅުވާލައިގެން ކާޑުން ފައިސާ ނެގުން އާއްމު
  • ކާޑުގެ އެއްވެސް މައުލޫމާތެއް ހޯދަން ބޭންކަކުން ނުގުޅާނެ
  • ކާޑަށް ސަމާލުވާން މަރުކަޒީ ބޭންކުން އިލްތިމާސް ކުރޭ

ކޭޝް ކާޑާއި ކްރެޑިޓް ކާޑަށް ރައްކާތެރިވެ، ސަމާލުވުމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތު ހޯދައިގެން، ފައިސާ ނަގަމުންދާ މައްސަލާގައި މަރުކަޒީ ބޭންކުން ބުނީ ކޭޝް ކާޑާއި ކްރެޑިޓް ކާޑާ ގުޅުން ހުރި މަކަރާއި ހީލަތްތެރިކަމުގެ ގިނަ މައްސަލަތަކެއް އާއްމުވަމުންދާ ކަމަށެވެ.

"... މިފަދަ ކަންތައްތަކަކީ ގެއްލުން ލިބޭ ފަރާތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަންތައްތަކެވެ. އަގު އަދާކުރުމުގެ އެކި މުއާމަލާތްތައް ލުއި ފަސޭހަ ކުރުމަށްޓަކައި ދޫކޮށްފައިވާ ކޭޝް ކާޑާއި ކްރެޑިޓް ކާޑު، ދޫކުރެވިފައިވާ ފަރާތުގެ ބޭންކް އެކައުންޓާއި ގުޅުންހުރި މުހިންމު މައުލޫމާތުތަކެއް އެކުލެވިގެންވާ އެއްޗެކެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ކާޑަށް ރައްކާތެރިވުމަކީ ކާޑުގެ ވެރިފަރާތުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

"... މިފަދަ، މަކަރާއި ހީލަތުގެ މަސައްކަތްތަކުން އާއްމު ފަރުދުން ރައްކާތެރިވުމަށްޓަކައި އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ކޭޝް ކާޑާއި ކްރެޑިޓް ކާޑަށް ރައްކާތެރިވުމެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ކޭޝް ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެދޭ ކަމަށެވެ.

"... މި މައުލޫމާތަކީ ބޭންކުގެ ނުވަތަ އެހެން އެއްވެސް މާލީ އިދާރާއަކުން ކަސްޓަމަރެއްގެ އަތުން ހޯދޭނެ މައުލޫމާތެއް ނޫނެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ކޭޝް ކާޑަށް ރައްކާތެރިވާން މަރުކަޒީ ބޭންކުން އިލްތިމާސްކުރިއިރު، ކާޑުގެ ނަމްބަރު ހޯދައިގެން އޮޅުވާލައިގެން ފައިސާ ނެގުން މިވަނީ އާއްމުވެފަ އެވެ. މިފަދަ ގިނަ މައްސަލަތަކެއް ފުލުހުން ދަނީ ބަލަމުންނެވެ.