ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މަޑުއްވަރީއަށް ވަޑައިގެންފި

Aug 27, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ދެވަނަ ރަށެއްގެ ގޮތުގައި މ. މަޑުއްވަރީ އަށް ވަޑައިގެންފި އެވެ.

މިއަދު މެންދުރު 12:45 ހާއިރު ރައީސް ސޯލިހް މަޑުއްވަރީއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މަޑުއްވަރީގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ފެނަކަ އާ އޮފީސް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. މަޑުއްވަރީ ސްޕޯޓްސް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މިސަރުކާރުން ވަނީ ނިންމާފަ އެވެ.

ރައީސްގެ މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގަތީ އެ އަތޮޅު ރަތްމަންދޫއަށް ވަޑައިގަތުމަށްފަހު އެވެ.

ރައީސް ސޯލިހް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މ. ދިއްގަރަށެވެ. މ. އަތޮޅަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ މ. މުއްްޔަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. މީގެއިތުރުން މ. އަތޮޅުގެ ރަށްތަކުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް އެމަނިކުފާނު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މިއަދު ހެނދުނު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށްފަހު ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.