ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަތްމަންދޫ ބަނދަރު ހަދައިދީ ގޮނޑުދޮށް ހިމާޔަތްކޮށްދޭނަން: ރައީސް

Aug 27, 2022

ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމުގެ މައްސަލައާއި އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި އެއް މަޝްރޫއެއްގެ ގޮތުގައި ދެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖޭގައި އާބާދީ އެންމެ ކުޑަ އެއް ރަށް ކަމަށްވާ މ. ރަތްމަންދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިއީ ރައީސް ސޯލިހްގެ ހަޔާތްޕުޅުގައި އެމަނިކުފާނު ރަތްމަންދޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނު މ. އަތޮޅަށް ފެއްޓެވި ދަތުރުުފުޅުގެ ފުރަތަމަ ރަށެވެ. ރަތްމަންދޫގެ އާބާދީއަކީ 231 މީހުންނެވެ.

ރަތްމަންދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުދި ރަށްތަކަށް ވުރެ އާބާދީ ބޮޑެތި ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. ރަތްމަންދޫ އަކީ މ. އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލަރުންނާ އެކު ރައީސް ސޯލިހް ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވެ އެވެ.

ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ފެނުގެ މަޝްރޫއު ޑިސެމްބަރުގައި ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގައި ނިމޭނެ ކަމަށެވެ. މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް ބީލަމަށް ލާފައިވާ ކަމުގައި ވިދާޅުވި އެވެ.

ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިއްމު ކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު މ. އަތޮޅުގައިވެސް ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރެވިދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ.