މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން ދޭ މި އެވޯޑަށް ނަން ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެެވ.
ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން ގެންދާ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑަށް 18 ދާއިރާއިއަކުން ކުރިމަތިލެވޭނެ އެވެ.
ޒުވާނުންގެ އިނާމު ދޭ ދާއިރާތައް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން
- ހަށިހެޔޮ ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ނަފްސާނީ ދުޅަހެޔޮ ސިއްޙަތެއް ބިނާ ކުރުމަށް މަސައްކަތްކުރުން
- ސިއްހީ ނުރަނގަޅު އާދަތަކާއި ދެކޮޅަށް މަސައްކަތްކުރުން
- މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް މަސައްކަތްކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ވޮކޭޝަނަލް ޓްރެއިނިން-ދަސްކޮށްދިނުން
- ދިވެހިބަހާއި ސަގާފަތަށް ހިދުމަތްކުރުން
- ނޭޝަނަލް ޔޫތު ވޮލަންޓިއަ
- ވިޔަފާރި އާއި އިގުތިސާދު
- މަސްވެރިކަމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- ކުޅިވަރަށް ހިދުމަތްކުރުން
- އާޓް: ފަންނުވެރި ޒުވާނާ
- ދަރުމަވެރިކަން
- ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ
ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި 10 ފަރާތާކަށް ޒުވާނުންގެ އެވޯޑް ދީފައިވެ އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ 2019 ވަނަ އަހަރުގައެވެ.
އޮކްޓޫބަރު 22 އެއީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ އެދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަސްކަމުގައި ވާތީއެވެ.