ޔޫތު މިނިސްޓްރީ

ޖަމިއްޔާތަކުގެ އެވޯޑަށް ކުރިމަތިލުމަށް އިތުރު ވަގުތު

މަދަނީ ޖަމިއްޔާތަކުގެ އެވޯޑަށް ނަން ހުށަހެޅުމުގެ އިތުރު ވަގުތު ދީފި އެވެ.

މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

ޔޫތު މިނިސްޓްރީން ބުނީ މިހާތަނަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ނަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކުގެ އެވޯޑަކީ ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ. އަދި އަމިއްލަ އިސްނެގުމުގެ މަތިން އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދަައްކައިދޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ޖަމިއްޔާތަކަށް ދޭ އެވޯޑެކެވެ.

މި އެވޯޑް ދިނުމުގެ މަގުސަދަކީ މަދަނީ ޖަމިއްޔާތަކުން ކުރާ އަގުހުރި މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކުރުމެވެ. އަދި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް ގައުމީ ހިދުމަތަށް އިތުރު މަދަނީ ޖަމިއްޔާތައް ނެރުމެވެ. މީގެ އިތުރުން ދަރުމަވެރިންގެ މަސައްކަތް ދިރުވާ އާލާކުރުމަކީވެސް މި އެވޯޑް ދިނުމުގެ އެއް މަގުސަދެވެ.

އެވޯޑް ދޭ ދާއިރާތައް

  • ތައުލީމީ ދާއިރާ
  • ތިމާވެށީގެ ދާއިރާ
  • ހާއްސައެހީގެ ދާއިރާ
  • މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން
  • މަސްތުވާތަކެތިން މުޖުތަމައު ރައްކާތެރިކުރުން
  • ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމައަކަށް މަސައްކަތް ކުރުން
  • ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީހީ ތަރިކަ، ދިވެހިބަސް ދިރުވުން
  • ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން
  • އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
  • ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ
  • ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)

އެވޯޑް ދިނުމުގައި ޖަމިއްޔާތަކުން ހިންގާފައިވާ ހަރަކާތްތަކުގައި މުޖުތަމައު ބާރުވެރިކޮށް މުޖުތަމައަށް ފައިދާ ހުރި ކަންކަން ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ހަރަކާތްތައް ހިންގާފައިވާ މިންވަރާއި ފެންވަރަށް ބަލާނެ އެވެ. އެގޮތުން ބަލާނެ ކަންކަމަކީ އުފެއްދުންތެރިކަމާއި، މުޖުތަމައު ބާރުވެރިކުރުމަށް އިސްނެގި މިންވަރާއި، ހަރަކާތުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާވަމުން ދިޔަ ގޮތުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.

އެވޯޑަށް އެދި ނަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި ފާއިތުވި ދެ އަހަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތުގައި ރަޖިސްޓްރާއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ.

މަދަނީ ޖަމިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އިނާމަށް ނަން ހުށަހަޅަން ޖެހޭނީ ކޮންމެ ޖަމިއްޔާ އަކުންވެސް އަމިއްލަ އަށެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާ އެކު އިނާމު ހައްގުވާ ކަމުގެ ފުރިހަމަ ހެކި ހުށަހަޅަން ޖެހެ އެވެ.

މަދަނީ ޖަމިއްޔާތަކުގެ އެވޯޑް ލިބޭ ފަރާތްތަކަށް ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ލިބިގެންދާނެ އެވެ.