ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ވޭވަށަށް ވަޑައިގެންފި

Aug 28, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިއަދު ހެނދުނު ވޭވަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސް މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވޭވަށަށް ވަޑައިގަތީ އިއްޔެ އެ އަތޮޅު ރަތްމަންދޫއާއި، މަޑުއްވަރީގެ އިތުރުން ދިއްގަރަށް ވެސް ވަޑައިގަތުމަށްފަހު އެވެ.

ވޭވަށުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް އެޅުމާއި އައުޓް ޑޯ ޖިމްގެ މަސައްކަތް ހިމެނެ އެވެ. މިސަރުކާރުން ވޭވަށުގައި ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބޯޅަގެއެއް ތަރައްގީކުރުމާއި، ބަނދަރު އަލުން ހެދުމާއި، ފެނަކަ އާ އިންޖީނުގެ އެޅުން ހިމެނެ އެވެ.

ވޭވަށު ބަނދަރު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް ސޯލިހް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގައި ވެރިކަން ކުރާ ރަށް މުއްޔަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. މީގެއިތުރުން މ. އަތޮޅުގެ ރަށްތަކުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް އެމަނިކުފާނު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ސޯލިހް އިއްޔެ ހެނދުނު މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށްފަހު ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.