ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުރު ނިމޭއިރު ލަފާފުރުން ދަތި ރަށެއް ނޯންނާނެ: ރައީސް

Aug 28, 2022
3

ރިޔާސީ ދައުރު ނިމޭއިރު ލަފާފުރުން ދަތި އެއްވެސް ރަށެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު މ. ވޭވަށަށް ވަޑައިގެން އެ ރަށުގައި މިސަރުކާރުން ހެދި ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ވޭވަށު ބަނދަރުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ އެމްޓީސީސީންނެވެ. ވޭވަށު ބަނދަރު މަސައްކަތަށް ސަރުކާރުން ވަނީ 51 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ވޭވަށުގެ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ވަރަށް ފުރިހަމައަށް އަދި ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ގޮތަށް ހެދިގެން ދިޔައީ އެމްޓީސީސީގެ މުވައްޒަފުންގެ ބުރަ، ހީވާގި އަދި ކޮލިޓީ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި އެމްޓީސީސީން އެދަނީ ބަދަލުކުރަމުން. މިދައުރު ނިމޭއިރުގައި އިރާދަ ކުރެއްވިއްޔާ އެމްޓީސީސީގެ އެ މަސައްކަތާ އެކީގައި ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން އޮތް ހަމަ އެއްވެސް ރަށެއް ނޯންނާނެއޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން 115 ރަށުގައި ކުރިއަށް ގެންދާއިރު 38 ރަށުގެ މަސައްކަތް އެކުންފުނިން ނިންމައިފި ކަމަށެވެ.

ރައީސް ވިދާޅުވީ ވޭވަށަކީ މަސްވެރިކަމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރާ އަދި އެމަސައްކަތުން ވަރަށް ރަނގަޅު އާމްދަނީ ހޯދާ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފުޅާކުރަން ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ލަފާފުރުން ދަތިވުން ކަމަށް ފާހަގަކުރެއްވި އެވެ. މިއަދު އެރަށުގެ ބަނދަރު ހުޅުވުމާ އެކު އެ މަސައްކަތުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 25 އަކަށް ޓަނުގެ މަސް މިރަށަށް ގަނެ ކައްކާ އެބަ ހިއްކާ. މިއީ މިފަދަ އާބާދީއަކަށް ބަލާއިރު ހަމަ ރަނގަޅު މަސައްކަތެއްގެ ގޮތުގައި ދެކެން. މިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަސޭހަ ބަނދަރެއް މިރަށުގައި ގާއިމުކުރުން. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެ ބަނދަރު ހަދާ ގާއިމުކޮށް ހިދުމަތް ދޭން ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ މަސައްކަތްތަކެއް ކުރަން ބަލާއިރު އަދި އަސާސީ ހިދުމަތްތަކެއް ރައްޔިތުން ބޭނުންވާއިރު ރަށްރަށުގައި ވަސީލަތްތަކެއް ހިދުމަތްތަކެއް ގާއިމުކުރަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކޮވިޑް 19ގެ ދުވަސް ވަރު ސަރުކާރަށް އިގްތިސޯދީ ބޮޑު ދަތިކަމެއް ކުރިމަތިވުމުން ވެސް ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް އެ ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި މިސަރުކާރުން ކުރާ ގިނަ މަސައްކަތްތަކެއް މިހާރު ނިމެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ވޭވަށުގެ ތަރައްގީއަށް ހަރަދުކޮށްފައިވަނީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް މިސަރުކާރަށް ހަތަރު އަހަރުވާއިރު ހަމައެކަނި ވޭވަށަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މެދު ރާއްޖޭގެ ރަށްތަކަކީ ސަރުކާރުތަކުން އާންމުކޮށް އަޅާނުލާ ދޫކޮށްލާފައިވާ ރަށްތަކެއް ކަމަށެވެ.

"އަޅުގަނޑު އިއްޔެ ދިއްގަރުގައި ބޭއްވި ބައްދަލުވުމުގައިވެސް ކޮންމެވެސް ބޭފުޅަކު ވިދާޅުވި ފަދައިން ސަރުކާރުތަކުން މަޝްރޫއުތައް ފަށަނީ އެންމެ އުތުރުން ނޫނިއްޔާ އެންމެ ދެކުނުން. ވަކި ހިސާބަކުން އައިސް ހުރިހާ މަޝްރޫއެއް ހުއްޓިފައި މެދު ރާއްޖެ ތެރެ އޮންނަނީ ބާކީވެފައި. މެދު ރާއްޖޭގެ ރަށްތަކަށް އަޅުގަނޑު މިކުރާ ދަތުރުތަކުގައި އެކަން ފާހަގަކުރެވޭ. އެއީ މިދެންނެވިހެން ބަނދަރު ކަމަށްވިޔަސް ސިއްހީ ހިދުމަތް ކަމަށްވިޔަސް ސްކޫލު ވިޔަސް އަދި އެހެން ހިދުމަތްތައް ކަމަށްވިޔަސް. އެހެންނަމަވެސް މިސަރުކާރުން ވަކި ދާއިރާއެއް ވަކި އަތޮޅެއް ވަކި ރަށެއް ބާކީއެއް ނުކުރާނެ. ވަކި ވިސްނުމެއް ވެސް ބާކީއެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.