މިނިސްޓްރީ އޮފް ހެލްތު

ބިން ހެލުމެއްގެ ހިލަމެއްވުމުން ހެލްތު މިނިސްޓްރީ ހުސްކޮށްފި

Aug 29, 2022
3

މިއަދު ހެނދުނު ބިން ހެލުމެއްގެ އަސަރުކުރުމާ ގުޅިގެން ކަމަށް ބުނެ ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ހުސްކޮށްފި އެވެ.

ދިހަ ބުރީގެ އިމާރާތުގައި ހެލްތު މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތައް ހުރި އިރު އެ ހުރިހާ ތަނަކުން މުވައްޒަފުން ވަނީ ބޭރަށް ނެރެފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިންޑޮނީޝިއާ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރި ކަމަށާއި ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"ތިކަހަލަ މައުލޫމާތެއް އަޅުގަނޑުމެންނަށް ވެސް ލިބުމުން އެކަން އިތުރަށް ބެލިއިރު ރާއްޖެއަށް އަސަރެއް ކޮށްފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އަވަސްއާ ވާހަކަ ދެއްކި ހެލްތު މިނިސްޓްރީގެ މުވައްޒަފަކު ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން އެ މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތަށް އައި ލޮޅުމެއްގެ އަސަރު ބައެއް މުވައްޒަފުންނަށް ކޮށްފައިވާ ކަމަށެވެ.

"ވަރަށް ކުޑަކޮށް ލޮޅުމެއް އެރި. އެކަމާ ބައެއް މުވައްޒަފުން ކަންބޮޑުވުމުން ކަމާ ގުޅޭ ފަރާތްތަކަށް އެންގުމަށްފަހު އެ ފަރާތްތަކުގެ ލަފައާ އެކު މުވައްޒަފުން ބޭރަށް ނިކުތީ،" މުވައްޒަފު ވިދާޅުވި އެވެ.