ހަބަރު

ހުއްދަ ނެތި ފެން ނަގައިފިނަމަ ބޮޑު ޖޫރިމަނާއެއް

ހުއްދަ ނެތި ބިމުން ފެން ނަގައި ބޭރުކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ގަވައިދު އިސްލާހުކޮށްފި އެވެ.

އިއްޔެ ގެޒެޓް ކުރި ގަވައިދުގައިވާ ގޮތުން ނަމަ ކަމާ ގުޅޭ އޮތޯރިޓީގެ ހުއްދަ ނެތި ބިމުން ފެން ނަަގައި ފެން ބޭރުކޮށްފިނަމަ އެ މަސައްކަތް ކުރި ކޮންމެ ދުވަހަކަށް 40،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ގަވައިދު އޮތް ގޮތުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ އެއްމިލިއަން ރުފިޔާ އެވެ.

ބިމުން ފެން ނެގުމަށް ހުއްދަ ނެގުމަށްފަހު ދީފައިވާ މުއްދަތު ތެރޭގައި މަސައްކަތް ނުނިމި އަދި މުއްދަތު އިތުރުކުރުމަކާއި ނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފިނަމަ އެ މަސައްކަތް ކުރަން މުއްދަތު އިތުރުކޮށްދޭނީ މުއްދަތު ހަމަވުމަށްފަހު ބިމުން ފެން ނަގައި ފެން ބޭރުކުރި ކޮންމެ ދުވަހަކަށް ދައްކަންޖެހޭ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުން ކަމަށްވެސް ގަވައިދުގައިވެ އެވެ.

ބިމުން ފެން ނަގައި ބޭރުކުރުމުގެ ތެރޭގައި ގަވައިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި 5،000 ރުފިޔާއާ އެއްމިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށްވެސް ގަވައިދުގައިވެ އެވެ.

އިމާރާތް ކުރާ ތަންތަނުގައި ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ބިމުން ފެން ނަގައި މަގުމައްޗަށް ފެން ބޭރުކުރުމަކީ މީގެކުރިން އާންމުކޮށް ހިނގަމުންދިޔަ ކަމެކެވެ.