ސިނަ މާލެ ބްރިޖް

ބްރިޖް އަޅާ ކުންފުނީގެ މައި ސައިޓް ހަދަން ފަށައިފި

"ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖް"ގެ މަސައްކަތުގައި ބޭނުން ކުރާނެ، މައިސައިޓް ހެދުމަށް ބޭނުންވާ ތަކެތި އަޑިޕާކް ސަރަހައްދަށް ގެނެސް ސައިޓް ހެދުމުގެ މަސައްކަތް ސީސީސީސީ ކުންފުނިން ފަށައިފި އެވެ.

މާލެ - ހުޅުމާލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރުމަށް ލޮނުޒިޔާރަތް ކޮޅު، އަޑިޕާކު ސަރަހައްދު ބަންދުކޮށްފައިވާ އިރު ބްރިޖުގެ މަސައްކަތް ކުރާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް، ސީސީސީސީ ކުންފުނިން ވަނީ އެސަރަހައްދުގައި ބައެއް މަސައްކަތްތަށް ފަށައި ހިލަ ބަސްތާތައް ފަދަ ތަކެތި ގެންނަން ފަށައިފަ އެވެ. އަދި އެކުންފުނިން ވަނީ އެސަރަހައްދުގައި ކޮންޓެއިނާ ހައުސްއެއް ވެސް ބަހައްޓައިފަ އެވެ.

މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ސީސީސީސީ ކުންފުނިން މިހާރު ކުރަނީ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް ހެދުމަށް ޓަކައި ބޭނުންވާ ސާމާނާއި މެޝިނަރީ ފަދަ ތަކެތި އެސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށެވެ.

"ބްރިޖު ހަދައި ސައިޓު ސެޓަޕް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އެތަނަށް ބޭނުންވާ މެޝިނަރީ އިކުއިޕްމަންޓު ގެނައުމާއި ނިދާތަން ހެދުމާއި މޮބިލައިޒޭޝަންގެ މަސައްކަތް ކުރަމުން އެ އަންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ މަސައްކަތް ކުރާ ސައިޓުގެ ގޮތުގައި އަޑި ޕާކު ހަމަޖައްސާފައިވާ އިރު ހުޅުލެ އާއި ހުޅުމާލެ އިން ވެސް ދެ ބިމެއް ވަނީ ސީސީސީސީއާ ހަވާލުކޮށްފަ އެވެ. އަދި މަސައްކަތް ފެށެމުން އަންނަ ވަރަކަށް އެބިންތަކަށް މެޝިނަރީ ފަދަ ތަކެތި ގެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.