ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
މިހާރު އަބޫދާބީގައި ހުންނެވި ނަޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނު ހައްޔަރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ނަޝީދަކީ އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބޭފުޅަކަށް ވުމުގެ އިތުރުން ގާނޫނަކުން އެމަނިކުފާނަށް ޚާއްސަ ރައްކާތެރިކަން ދީފައިވާ ކަމަށެވެ. އެހެންވެ ނަޝީދަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ނަޝީދު ހައްޔަރުކުރަން އުޅޭ ކަމަށް ވާހަކަ ދެކެވެމުންދަނީ ސިޔާސީ އެކި ފަރާތްތަކަށް ބިރު ދައްކައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ނަޝީދު ހައްޔަރުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް ޝަރުއީ މަރުހަލާގެ ތެރެއިން ނަޝީދާ މެދު އަޅާ ފިޔަވަޅެއް އަޅާ ނަމަ އެކަމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ނަޝީދު ހައްޔަރުކުރަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށް އެމަނިކުފާނު ވަނީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ މާލެ ވަޑައިގަތުމަށް ނިންމަވައިފަ އެވެ.