ރާއްޖެ ކުޅިވަރު

ގޭމްސް އަށް ކުޅުންތެރިން ގެންގޮސްދޭން އޮލިމްޕިކް ކޮމިޓީން މަޓީގައި އާދޭސްކޮށްފި

Jan 11, 2016

އަންނަ ސައުތު އޭޝިއަން ގޭމްސް އަށް ސަރުކާރުން ފޮނުވާނީ ހަތް ކުޅިވަރެއް ކަމަށް ނިންމުމުން އެހެން ކުޅިވަރުތައް ގޭމްސްއަށް ގެންގޮސްދިނުމަށް އެދި މޯލްޑިވްސް އެސޯސިއޭޝަން އޮފްޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގައި އާދޭސްކޮށް ދަންނަވައިފި އެވެ.

ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް މިއަދު ވިދާޅުވީ އަންނަ މަހު އިންޑިޔާގައި ފަށާ ގޭމްސް އަށް ކުޅުންތެރިން ގެންގޮސްދިނުމަށް މަޓީގެ ކިބައިން އެދުނީ އެއިދާރާއިންނާއި އެތަނުގެ ވެރިން އަމިއްލަ ހައިސިއްޔަތުން ވެސް މީގެ ކުރިން ވެސް ކުޅިވަރަށް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާތީއެވެ.

"އޮލިމްޕިކް ކޮމިޓީގެ ފަރާތުން (ގޭމްސް އަށް) ނުދެވޭ ޓީމުތައް ގެންދިއުމަށް މަޓީގެ އެހީއަށް އެދި އާދޭސް ދަންނަވައިފިން. އެއީ މިވަގުތު ވަކިވަކިމީހުން ކައިރިއަށް ގޮސްގެން ފައިސާ ހަމަކުރަން ވަގުތުނެތުމުން. ވަރަށް ބޮޑު އުއްމީދެއް އެބައޮތް ހުރިހާ ކުޅިވަރުތަކަށް ވެސް އުފާވެރި ހަބަރެއް ލިބޭނެ ކަމަށް،" މަރުޒޫގް ވިދާޅުވި އެވެ.

ނަމަވެސް އޮލިމްޕިކް ކޮމިޓީން ވަނީ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

"އެއްވެސް ފުރުސަތެއް ނުދީ މި ގޮތަށް މި ހެދީ. މިހާތަނަށް ކުރެވުނު އެއްވެސް މަޝްވަރާއަކަށް ވެސް ބެލުމެއްނެތި މިނިސްޓްރީގެ ވަކިބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމާލަނީ. މީގެ ސަބަބުން ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވަރަށް ބުރަ މަސައްކަތް ކޮށްގެން މެނުވީ ގޭމްސް އަށް ނުދެވޭނެ،" ފެބްރުއަރީ 10 އިން 20 އަށް ބާއްވާ ސާކް ގައުމުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތާ ބެހޭ ގޮތުން މަރުޒޫގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ކުޅިވަރުގެ ގައުމީ މަޖިލީހުން ގޭމްސް އަށް ސަރުކާރުން ހަރަދު ކުރާނީ އަށް ޓީމަކަށް ކަމަށް ނިންމުމުން އެހެން ޓީމުތަކަށް އެއީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށާއި މިހެންވެ އެސޯސިއޭޝަންތަކުން ދަނީ އަމިއްލަ ގޮތުން ގޭމްސް އަށް ދިއުމަށް ފައިސާ ހޯދަމުން ކަމަށެވެ.