ދުނިޔެ

ސޯވިއެޓް ޔޫނިއަންގެ ފުރަތަމަ ރައީސް މިޚައިލް ގަރުބަޗޯފް އަވަހާރަވެއްޖެ

ސޯވިއެޓް ޔޫނިއަން ބައިބައިވެ ރަޝިއާ ވަކި ދައުލަތެއް ގޮތުގައި އުފެދުމުގެ ކުރިން މުޅި ސޯވިއެޓް ޔޫނިއަންގެ ރައީސްގެ ގޮތުގައި ހުންނެވި މިޚައި ގަރުބަޗޯފް އަވަހާރަވެއްޖެ އެވެ.

ރަޝިއާގެ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުން ވަނީ ގަރުބަޗޯފް އަވަހާރަވިކަން ކަށަވަރު ކޮށްދީފަ އެވެ.

އާލާސްކަންފުޅުގައި ޒަމާންތަކެއް ވަންދެން ގަރުބަޗޯފް ފަރުވާ ހޯއްދެވީ އެ ހޮސްޕިޓަލުންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.

"ޒަމާންތަކެއް ވަންދެން ސީރިއަސް އަދި ވޭންގަދަ ބައްޔެއްގައި އުޅުއްވުމަށް ފަހު މިރޭ ގަރުބަޗޯފް އަވަހާރަވެއްޖެ" ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ގަރުބަޗޯފް އުފަންވެ ވަޑައިގަތީ މާޗް 2، 1931 ގައެވެ. ކިޔަވާ ވިދާޅުވީ މޮސްކޯ ސްޓޭޓް ޔުނިވާސިޓީގައި ޑިޕާޓްމަންޓް އޮފް ލޯ ފެކަލްޓީގަ އެވެ.

ގަރުބަޗޯފް އިލްމު ހޯއްދެވި ދާއިރާތަކުގެ ގެރޭގައި ދަނޑުވެރިން ވެސް ހިމެނެ އެވެ. މެދު އުމުރު ފަހަނައަޅައި ދިޔައިރު ވެސް ކިޔަވާ ވިދާޅުވުމުގައި ގަރުބަޗޯފް ގިނަ ދުވަސްތަކެއް ހޭދަކުރެެއްވި އެވެ.

ގަރުބަޗޯފް ސިޔާސީ ދާއިރާއަށް ވަދެ ވަޑައިގެން ކޮމިއުނިސްޓް ޕާޓީއާ ގުޅިވަޑައިގަތީ 1952 ވަނަ އަހަރު އެވެ.

ސޯވިއެޓް ޔޫނިއަން އަށް ރައީސެއް ގޮތުގައި ގަރުބަޗޯފް އައްޔަން ކުރެވުނީ މާޗް 15, 1990 ގައެވެ. ޖެހިގެން އައި އަހަރު، ޑިސެމްބަރު 25، 1991 ގައި މަގާމުން އިސްތިއުފާ ދެއްވި އެވެ. ގަރުބަޗޯފް އަކީ ސޯވިއެޓް ޔޫނިއަންގެ ފުރަތަމަ އަދި އެންމެ ފަހުގެ ރައީސް އެވެ.

ސޯވިއެޓް ޔޫނިއަންގެ ރައީސްގެ ގޮތުގައި ގަރުބަޗޯފް ދުނިޔެއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި އެވެ. ހާއްސަކޮށް ހުޅަނގާ އެކު ގާތްގުޅުމެއް އުފައްދަވައި މަޝްވަރާތައް ފުޅާކުރެއްވި އެވެ.

ގަރުބަޗޯފް އަށް 1990 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި އެވެ. އެއީ އިސްލާހީ އެޖެންޑާ ދުނިޔެއަށް ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށެވެ.

ގަރުބަޗޯފް އަވަހާރަވި ހަބަރު ލިބިވަޑައިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި ގަރުބަޗޯފް އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ވަރަށް ފުން ހިތާމައެކެވެ.

ގަރުބަޗޯފް ފަސްދާނުލާން ހަމަޖެހިފައި ވަނީ އޭނާގެ އަނބިކަބަލުންނާ ޖެހިގެން އެއް ސަހަރާއެއްގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާން ނުކުރެ އެވެ.