ހަބަރު

ޖޭއެސްސީގެ ރައީސް ކަމަށް އަލީ ހަމީދު އިންތިޚާބުކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިއަދު އިންތިޚާބުކޮށްފި އެވެ.

ބަދު އަޚުލާގީ މައްސަލައެއްގެ ތުހުމަތު ކުރެވުނު އަލީ ހަމީދު އެ މަގާމަށް އިންތިޚާބު ކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ޖަލްސާއެއްގަ އެވެ. އެނގިފައިވާ ގޮތުގައި އަލީ ހަމީދު އެ މަގާމަށް އައްޔަން ކުރަން އެ ޖަލްސާގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ކޮން މެމްބަރެއް ކަމެއް ސާފެއް ނުވެއެވެ.

އަލީ ހަމީދު އެ މަގާމަށް އައްޔަންކުރީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ މަގާމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

އާދަމް މުހައްމަދު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އަލީ ހަމީދު އައްޔަންކުރަން އެ ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރުގެ މަގާމުގެ ހުވައި އިއްޔެގެ ވަގުތެއްގައި އަލީ ހަމީދު ވަނީ ކުރައްވައިފަ އެވެ.

ކަސްބީ އަންހެނުންތަކާ އެކު ބަދު އަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތު އަލީ ހަމީދުގެ މައްޗަށް ކުރެވުނެވެ. އަލީ ހަމީދު ކަމަށް ބެލެވޭ މީހެއްގެ އެފަދަ ވީޑިއޯއެއް ކުރިން އާންމުވި ނަމަވެސް ޖޭއެސްސީން ނިންމީ އެ ވީޑިއޯއިން ފެންނަނީ އަލީ ހަމީދު ކަން ސާބިތުނުވާ ކަމަށެވެ.