ލައިފްސްޓައިލް

އާދަޔާ ހިލާފު 10 ތަރުކާރީ އާއި މޭވާ

ދުނިޔޭގެ އެކި ގައުމުތަކުގައި އަދަޔާ ހިލާފު އަދި ތަފާތު ތަރުކާރީ އާއި މޭވާ ހައްދަ އެވެ. ބައެއް ތަރުކާރީ އާއި މޭވާ އަކީ ވަކި މޫސުމެއްގައި ނޫނީ އަދި ވަކި ސަރަހައްދެއްގައި ނޫނީ ނުހެދޭ މޭވާއާއި ތަރުކާރީ އެވެ. އެގޮތުން މިފަހަރު މިގެނެސްދެނީ އެކި ސަރަހައްދުތަކުގައި ހެދޭ އާދާޔާ ޚިލާފު 10 ތަރުކާރީ އާއި މޭވާ އެވެ.

1. އަތަ (ކަސްޓަޑް އެޕަލް، ޗެރިމޯޔާ)

އަތަ އަކީ ސައުތް އެމެރިކާ އާއި އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ހެދޭ މޭވާއެކެވެ. އާޓިޗޯކް އަކާ ސިފަ ވައްތަރު އަތައަކީ ދިވެހިރާއްޖޭގައިވެސް ހެދޭ މޭވާ އެކެވެ. ކަސްޓަޑެއް ފަދަ ކްރީމީކޮށް އެތެރެ ހުންނަ އަތައިގެ ރަހަ އަކީ އަލަނާސިއާއި ދޮންކެޔޮ އެއްކޮލުމުން ލާ ރަހައެކެވެ. އަތަ އަކީ ހުރިގޮތަށް އެތެރެ ކެއުމުގެ އިތުރުން ގިނަ ފޮނި ކާ އެއްޗެހި ހެދުމަށް ބޭނުންކުރާ މޭވާ އެކެވެ.

2. ޕަމެލޯ

އޭޝިއާގައި ހެދޭ މޭވާއެއް ކަމަށްވާ ޕަމެލޯ ބަލާލުމަށް ހީވަނީ ބޮޑު ގްރޭޕްފްރުޓެއް ހެންނެވެ. އެކަމަކު ބޯކޮށް ތޮށިލާފައިވާ މި މޭވާގެ އެތެރެ ސިޓްރަސް ރަހަލީ ނަމަވެސް ގްރޭޕްފްރުޓަކަށްވުރެ ފޮންޏެވެ. މި މޭވާ ހެނދުނުގެ ސަޔަށާއި ސެލެޑްފަދަ ކާ އެއްޗެހި ހެދުމަށް ބޭނުންކުރެ އެވެ.

3. ޖަބޫޓިކާބާ

ޕްލަމްއަކާ ސައިޒް ދިމާވާ ޖަބޫޓިކާބާ އަކީ މޭބިސްކަދުރުގެ ރަހައާ އެއްވައްތަރު މޭވާ އެކެވެ. މި މޭވާއަށް "ބްރެޒިލް ޓްރީ-ގްރޭޕް" ވެސް ކިޔާ އުޅެ އެވެ. މޭބިސްކަދުރު ހެދޭ ގޮތާ ޚިލާފަށް، ޖަބޫޓިކާބާ ހެދެނީ ގަސްގަނޑުގައާއި ގޮފިތަކުގަ އެވެ. މި މޭވާ ރޯކޮށް ކެވިދާނެ އެވެ. އަދި މީގެން ޖެލީ އާއި ޖޫސްވެސް ހަދަ އެވެ.

4. ކިވާނޯ މެލަން

ކިވާނޯ މެލަން ޖައްވުގެ ބޭރުގެ އޭލިއަން އަކާ ވައްތަރުވީ ނަމަވެސް، މި މޭވާ ހެދެނީ ސައުތު އެފްރިކާ، އެމެރިކާގެ ކެލިފޯނިއާ އަދި ނިއު ޒީލެންޑްގަ އެވެ. މި މޭވާގެ ދަޅުފަޅާފައި ހުންނަ ގޮތަށް ހުރުމުގެ ސަބަބުން މިއަށް "ހޯންޑް މެލަން" ވެސް ކިޔަ އެވެ. މި މޭވާގެ އެތެރެ ހުންނަނީ ޖެލީ ފާޑު ކެވޭ އޮތްތަކަކާ އެކުގަ އެވެ. އަދި މީގެ ސިޓްރަސް ފާޑުގެ ރަހަ ގާތްކުރަނީ ލުނބޯއާއި ކިއުކަމްބާ އަދި ދޮންކެޔޮ އެއްކުރީމަ ލާނެ ރަހަ އަށެވެ.

5. މަބުސްތާން (މެންގޮސްޓީން)

ދިވެހިންނަށް އައު މޭވާއަކަށް ނުވިނަމަވެސް މަބުސްތާނަކީ ދުނިޔޭގެ ގިނަ މީހުންނަށް އާދަޔާ ހިލާފު މޭވާ އެކެވެ. ކާބަފައިންގެ ވާހަކަތަކުގެ ތެރެއިން އައިސްފައިވާ އެއް ވާހަކާގައި، ކުރީގެ އިނގިރޭސި ރާނީ، ކުއީން ވިކްޓޯރިއާ މަބުސްތާން ކާން ބޭނުންވިލެއް ބޮޑުކަމުން އެ މޭވާ އެކަމަނާއާ ހިސާބަށް ގެނެސްދިން މީހަކަށް 100 ޕައުންޑް ދޭނަމޭ ވިދާޅުވި އެވެ. މި މޭވާއަށް "މޭވާގެ ރާނީ" ވެސް ކިޔަނީ މީގެ ސަބަބުންނެވެ. މަބުސްތާން ހެދެނީ ސައުތް އީސްޓް އޭޝިއާ، އިންޑިއާގެ ބައެއް ހިސާބުތަކުގައި އާއި ކޮލޮމްބިއާ އަދި ޕުއަޓޯ ރީކޯގަ އެވެ. މި މޭވާގައި ހަރު ތޮއްޓެއް ހުރެފައި އެތެރޭގައި ވަނީ ހުދުކުލައިގެ ހުތް، ފޮނި ރަހައެއްދޭ މީރު ޕަލްޕެކެވެ.

6. ރޮމަނެސްކޯ

ކޮލިފްލާވަ އަކާއި ބްރޮކޮލީ އެއްވެފައިވާ ހެން ސިފަވާ ރޮމަނެސްކޯ އަކީ ތަފާތު ތަރުކާރީ އެކެވެ. މީގެ ރަހަ އަކީ ކޮލިފްލާވަ އަކާއި ބްރޮކޮލީ އެއްވުމުގެ އިތުރުން ނަޓްސްގެ ރަހަ އެކުލެވިގެންވާ ފަދަ ރަހައެއް ކަމަށް ބައެއް މީހުން ބުނެ އުޅެ އެވެ. ފެހި ކުލައިގެ މި ތަރުކާރީ ކޮލިފްލާވަ އަކާއި ބްރޮކޮލީ ފަދައިން ކައްކައިގެން ކެވޭނެ އެވެ.

7. އަގްލީ ފްރުޓް

ޖެމޭކާގައި އުފެދޭ މި މޭވާ ބަލާލަން ރީތި ނޫނަސް، މިއީ ރަހަ މީރު މޭވާ އެކެވެ. އޮރެންޖެއް ފަދައިން ބައިބައިވެފައި ހުންނެ އެތެރޭގެ ރަހައަކީ ޓެންޖެރިން އާއި ގްރޭޕްފްރުޓް އެއްވެފައިވާ ފަދަ ރަހައެކެވެ.

8. ޑްރޭގަން ފްރުޓް (ޕިޓާޔާ)

ޑްރޭގަން ފްރުޓަކީ ދިގު ސްކޭލްސްތަކެއް ލާފައި ހުންނަ ފެހި އަދި ދިއްލި ފިޔާތޮށިކުލައިގެ މޭވާ އެކެވެ. މި މޭވާގެ އެތެރެ ހުންނަނީ ހުދުކުލައިގައި ކިވީއެއްހެން ކަޅު ތިކި ތަކެއް ޖަހާފަ އެވެ. ޑްރޭގަން ފްރުޓްގެ ރަހައަކީ ޕެއާސް ކަހަލަ މަޑު ރަހައެއް ހުންނަ މޭވާ އެކެވެ.

9. ޑޫރިއަން

ޑޫރިއަން އަކީ ކަށިފަޅާފައި ހުންނަ ވަރަށް ގަދަ، ނުބައި ވަހެއް ދުވާ މޭވާ އެކެވެ. ޑޫރިއަންގެ ވަސްނުބައިކަމުން ބައެއް މީހުން އެ މޭވާ ކެއުމާ ދުރުވެ އެވެ. މި މޭވާ މީރު މީހުން އޭގެ ރަހަ ސިފަކުރަނީ ކަސްޓަޑް، ކްރީމީ ވެނީލާއާއި ދޮންކޮޔެ މަޑު ފިޔާ ރަހައަކާ އެއްވެފައި ހުންނަ ކަމަށެވެ.

10. ސެމްފަޔާ

ސެމްފަޔާގެ ސިފަ ހުންނަނީ އެސްޕެރަގަސް އަދި ކެކްޓަސް އަކާ އެއްވެފައި ހުންނަ ގޮތަށެވެ. މި ތަރުކާރީއަށް ސެލިކޯނިއާ، ސީ އެސްޕެރަގަސް އަދި ސީ ބީންސް ވެސް ކިޔަ އެވެ. މި ތަރުކާރީ އަކީ ލޮނު ރަހައެއް ހުންނަ، ކްރަންޗީ ތަރުކާރީ އެކެވެ. ސެމްފަޔަ ރޯކޮށް އަދި ކައްކައިގެންވެސް ކެވޭނެއެވެ.