ދުނިޔެ

އީރާން ސިފައިން އެމެރިކާގެ ކަނޑު ޑްރޯންތަކެއް ހިފަހައްޓައިފި

އީރާންގެ ކަނޑުގެ ސިފައިން އެމެރިާގެ ކަނޑު ޑްރޯންތަކެއް، ރަތްކަނޑުން ހިފަހައްޓައިފި އެވެ.

މިއީ މި ހަފުތާގައި އެމެރިކާގެ ޑްރޯންތަކެއް އީރާނުން ހިފެހެއްޓި ދެވަނަ ފަހަރެވެ.

އީރާންގެ ނޫސްތަކުން ބުނި ގޮތުގައި ކަނޑު ޑްރޯންތައް ހިފަހައްޓަން ޖެހުނީ ރަތްކަނޑު ހުރަސްކޮށް ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނެތީ އެވެ.

ރަތް ކަނޑަކީ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް ރައްކާތެރި މަގެއް ގޮތުގައި އޮންނަން ޖެހޭ ކަމަށް އީރާން ބުނެ އެވެ.

އެމެރިކާގެ ޑްރޯންތައް ދަތުރުކުރީ އިންސާނެއްގެ އެހީއާ ނުލައި އެވެ. އެހެންކަމުން މުދާ ބަރާކޮށްގެން ދަތުރުކުރާ ކޮންޓެއިނާ ބޯޓެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް ހިނގާފާނެ ކަމަށް ޑްރޯންތައް ހުއްޓުވައި އެހެން ދިމައަކަށް ގެންގޮސް ދޫކޮށްލި ކަމަށްވެސް އީރާން ބުނެ އެވެ.

ޕެންޓަގަންގެ އޮފިޝަލަކު އެންބީސީ ހަބަރަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރަތް ކަނޑުގައި ދަތުރުކުރި ދެ ކަނޑު ޑްރޯން އަކީ އެ ހިސާބުގައި އޮތް އެމެރިކާގެ އަސްކަރީ އުޅަނދަކުން ދޫކޮށްލައި ކޮންޓްރޯލް ކުރި ދެ ޑްރޯން އެވެ.

އީރާންގެ ކަނޑުގެ ސިފައިން އެ ދެ ޑްރޯން ނެގުމަށްފަހު އެމީހުން އުޅުނީ ނުނަގާ ކަމަށް ހަދަން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް ތަކުރާރުކޮށް އިންޒާރުދީ އެންގުމުން ހަތަރު ގަޑިއިރު ފަހުން ދޫކޮށްލި ކަމަށްވެސް ޕެންޓަގުން ބުންޏެވެ.

އީރާނުން ބުނީ ޑްރޯންތައް ކަނޑުން ނެގީ ސުލްހަވެރި މާނައިގައި ކަމަށާއި ބައިނަލްއަގުވާމީ ކަނޑުގައި އެމެރިކާއަށް ޖެއްސުން ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ބައިނަލްއަގުވާމީ ކަނޑުގައި އެމެރިކާ ބޭނުންހާ އުޅަނދެއް އޮޕަރޭޓް ނުކުރެވޭނެކަން އެންގި ކަަމަށް ވެސް އީރާން ބުނެ އެވެ. އަދި އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ އިންޒާރަކާ ނުލައި އުޅަނދު ފައްތާލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.