ދުނިޔެ

ކަޒަކިސްތާންގެ ވެރިރަށުގެ ނަން އަނެއްކާ ވެސް ބަދަލުކޮށްފާނެ

ކަޒަކިސްތާންގެ ވެރިރަށުގެ ނަން އޮންނަން ޖެހޭނީ ކުރިން އޮތް ގޮތަށް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވެ ސައްލާކުރައްވައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވާ ގޮތުން އެ ގައުމުގެ ވެރިރަށުގެ ނަން ކުރިން އޮތް ގޮތަށް އޮތުމުން މާބޮޑަށްވެސް ކަމުދެ އެވެ. އަދި އެއީ އާންމުން އެދޭ ގޮތް ކަމަށްވެސް މެމްބަރުން ވިދާޅުވެ އެވެ.

ކަޒަކިސްތާން ވެރިރަށުގެ ނަން "ނޫރު ސުލްތާން" އަށް ބަދަލުކުރީ 2019 ގައެވެ. އޭގެ ކުރިން އެއީ އަސްތާނާ އެވެ.

ކަޒަކިސްތާންގެ ވެރިރަށް ދުނިޔެއަށް ފަރިތައީ އަސްތާނާގެ ގޮތުގައި ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ތާރީޚީ ކިތަންމެ ކަމެއް އެ ނަމުގައި ހިނގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަސްތާނާގެ ނަމުން ކަޒަކިސްތާންގެ ވެރިރަށަށް ނަން ދެއްވީ އެ ގައުމުގެ އެންމެ ފުރަތަ ރައީސް ނޫރު ސުލްތާން ނަޒަރުބަޔޭފް އެވެ.

އެކަމަކު މީގެ ތިން އަހަރު ކުރިން ވެރިރަށުގެ ނަން ނޫރު ސުލްތާންއަށް ބަދަލުކުރެއްވީ އެ ގައުމުގެ މިހާރުގެ ރައީސް ގާސިމް ޖޫމާރަތު ތަކަޔޭފް އެވެ. އެއީ ރައީސް ނޫރު ސުލްތާންއަށް ޚާއްސަކުރެއްވުމުގެ ގޮތުންނެވެ.

ނޫރު ސުލްތާން ކަޒަކިސްތާންގައި 30 އަހަރު ހިދުމަތް ކުރެއްވި އެވެ. އެއީ 1991 ގައި އެ ގައުމަށް މިނިވަންކަން ލިބުނު ހިސާބުން 2019 ގައި ރަސްމީކޮށް އިސްތިއުފާ ދެއްވަންދެންނެވެ.

ގައުމަކަށް އެހާ ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއަކު ދެއްވި ނަމެއް ބަދަލުކުރުމަކީ އިހުތިރާމްކުރުން ނޫން ކަމަށް ގާނުނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވެ އެވެ.

އެންމެ ރަނގަޅު ގޮތަކީ މެމްބަރުގެ ނަޒަރުގައި ވެރިރަށުގެ ނަން ކުރިން އޮތް ގޮތަށް ބޭއްވުން ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ކަޒަކިސްތާންގެ ވެރިރަށުގެ ނަމަކީ ވަރަށް ގިނައިން ބަދަލުކުރެވޭ ނަމެކެވެ. ސޯވިއެޓް ޒަމާނުއްސުރެ މިއަދާ ޖެހެންދެން ވެސް އެކި ދުވަސްވަރު އެކި ނަމުން ވެރިރަށަށް ވަނީ ނިސްބަތްކުރެވިފަ އެވެ.