ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަން މުހިއްމު ބައިތައް ކުޅެފައިވަނީ "ބްރަމަސްތުރަ: ޕާޓް ވަން ޝިވާ" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
މިއީ ފާއިތުވީ ފަސް ވަރަކަށް އަހަރުއްސުރެ ގިނަ ބަޔަކު އެ ފިލްމެއް ބަލާހިތުން އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.
މޯނީ ރޯއީ އާއި ނާގްއަރްޖުނާ ވެސް ބައިވެރިވާ މި ފިލްމު ރިލީޒް ކުރަން ހަފްތާއަކަށް ވެފައިވާއިރު ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ގޮތާ މެދު އަމީތާބު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަމީތާބު ރުޅިއައިސްގެން އުޅެނީ ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ދެކެ އެވެ.
އަޔާން މި ފިލްމުގެ ޝޫޓިން މާބޮޑަށް ލަސް ކުރުމާއި އެއް ބައިތަކެއް އެތައް ފަހަރަކު އަލުން ޝޫޓް ކުރުވުން ފަދަ ކަންތައްތަކެއް ކުރަމުން ދިއުމުގެ ސަބަބުން އަމީތާބު ހިތްހަމަނުޖެހުނީ ކަމަށް ވެއެވެ.
މިގޮތަށް ފިލްމުގެ މަސައްކަތް ކުރިއަށް ގެންދާނަމަ ފިލްމު ބޮޑު 'ޑިޒާސްޓާ"އަކަށް ވާނެކަމުގެ އިންޒާރު ވެސް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް އަމީތާބު ދިން ކަމަށްވެ އެވެ.
އަމީތާބަކީ މަސައްކަތުގެ އަޚުލާގު ވަރަށް ރަނގަޅު މީހެކެވެ. ގަވާއިދުން ގަޑިން ގަޑިއަށް ޝޫޓިންތަކަށް ހާޒިރުވެ އޭނާއާ ކުރަން ހަވާލުކުރާ ކަމެއް އެންމެ ފުރިހަމައަށް ނިންމުމަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން ޝެޑިއުލްތައް ފަހަތަށް ޖައްސައި ޝޫޓިންތައް ކެންސަލްކޮށް އަދި ޝޫޓްކޮށްފައިވާ ބައެއް ބައިތައް އަލުން ޝޫޓްކޮށް ހަދަން ފެށުމުން އަމީތާބަށް އެކަން ބަލައިގަނެވޭ ކަމަކަށް ނުވީ އެވެ.
އަމީތާބު ހިތްހަމަނުޖެހުނުލެއް ބޮޑުކަމުން ކަރަން ކައިރީގައި ފިލްމަށް އިތުރަށް ފައިސާ ޚަރަދު ނުކުރުމަށާއި މިދާ ގޮތަށް ދާނަމަ ފިލްމު ފްލޮޕްވާނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ފިލްމު ނިމި ރިލީޒްކުރަން ތައްޔާރުވެފައިވާއިރު ފިލްމަށް އެކަށީގެންވާ ކާމިޔާބެއް ހޯދިދާނެ ކަމަށް އަމީތާބު އުއްމީދުކުރާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ސަބަބަކީ ފިލްމުގައި ބައިވެރިވާ ހުރިހާ އެކްޓަރުން ވަރަށް ބުރަކޮށް އެހާމެ މޮޅަށް މަސައްކަތް ކޮށްފައިވާތީ އެވެ.
މިއީ ރަންބީރާއި އާލިއާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމު ބޮއިކޮޓްކުރަން ވެސް ބައެއް ފަރާތްތަކުން ގޮވަމުންދިޔަ ނަމަވެސް އެޑްވާންސް ބުކިން އަށް ބަލާއިރު ފިލްމަށް ވަރަށް ރަނގަޅު ފެށުމެއް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ޓްރޭޑް އެނަލިސްޓުން ލަފާ ކޮށްފައި ވެއެވެ.