ބޮލީވުޑް

ރަންބީރުގެ "ބްރަހްމަޝްތުރާ" ޓްރެއިލާއަށް ފޭނުން ބުނަނީ ކީކޭ؟

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަހްމަޝްތުރާ"ގެ ވާހަކަ ދެކެވޭތާ ފަސް އަހަރަށްފަހު ފިލްމުގެ ފުރަތަމަ ޓްރެއިލާ ބަލާލުމުގެ ފުރުސަތު ފޭނުންނަށް ލިބިއްޖެ އެވެ. އިއްޔެ މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމާއެކު ފޭނުން އެ ޓްރެއިލާ އަށް ތަރުހީބު ދީފައިވަނީ ހީކުރިގޮތާ ޚިލާފަށެވެ.

އަޔާން މުކަރުޖީ ޑައިރެކްޓް ކޮށްފައިވާ މި ފެންޓަސީ ޑްރާމާގައި މީހުން ޝައުގުވެރިވާ ކަހަލަ ގިނަ ކަންތައްތަކެއް ހިމެނޭތީ ފިލްމަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

"ބްރަހްމަޝްތުރާ"ގެ ޓްރެއިލާ ބަލާލުމުން ލަފާ ކުރެވެނީ މިއީ ސުޕަނެޗުރަލް ޕަވާ ލިބިފައިވާ ކެރެކްޓާތަކެއް އުޅޭ ފިލްމެއް ކަމަށެވެ. ރަންބީރުގެ ކެރެކްޓާ ޝިވާ އާ އެންމެ ވައްތަރީ 90 އިގެ އަހަރުތަކުގައި މަޝްހޫރުވި ކާޓޫނު ކެރެކްޓާއެއް ކަމަށްވާ ކެޕްޓަން ޕްލެނެޓް އާ ކަމަށް ޓުވިޓާގައި މި ޓްރެއިލާއާ ގުޅޭ ގޮތުން ކޮމެންޓުކުރި ބައެއް މީހުން ބުނެފައި ވެއެވެ.

"ބްރަހްމަސްތުރަ" ޓްރެއިލާ


ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ ބޮލީވުޑުން އަބަދުވެސް ހޮލީވުޑް ފިލްމުތައް ކޮޕީކުރާ ގޮތަށް މިއީ ވެސް ހޮލީވުޑްގެ އެކިއެކި ފިލްމުތަކުގެ ތަންތަންކޮޅު ކޮޕީކޮށްގެން ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި "ބްރަހްމަޝްތުރާ"އަކީ ވެސް އޮރިޖިނަލް ފިލްމެއް ނޫން ކަމަށާއި ބޮޑަށް ލަފާ ކުރެވެނީ މި ފިލްމަކީ ވެސް ކޮޕީކެޓް އެއް ކަމަށެވެ.

ރަންބިރު އާއި އާލިއާގެ ކެމިސްޓްރީ އެހާ ނުގުޅޭ ކަމަށާއި ރަންބީރު ކަހަލަ މޮޅު އެކްޓަރަކާ މި ފިލްމުގައި އޭނާ ކުޅެފައިވާ ރޯލު ނުގުޅޭ ކަމަށް ވެސް ފޭނުން ބުނެފައި ވެއެވެ.

"ރަންބީރު ހީވަނީ ގަދަކަމުން އެކްޓްކޮށްފައި ހުރިހެން. ޚުދް އަމީތާބު ބައްޗަންގެ ކެރެކްޓާގައި ވެސް އެއްވެސް ކަހަލަ މޮޅުކަމެއް ނެތް. ނާގްއަރްޖުނާގެ ކެރެކްޓާ ވެސް ކަމަކު ނުދޭ. އާލިއާ ދެން އޯކޭ. ކިރިޔާ ވެސް ރަނގަޅު އެކްޓިން އެއް ދައްކާފައިވަނީ މޯނީ ރޯއީ އެކަނި،" ފޭނެއްގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

ވަރަށް ބޮޑު ބަޖެޓަކުން ފަސް އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްގެން ތައްޔާރުކޮށްފައިވާ "ބްރަހްމަޝްތުރާ" މި އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.