އިމްރާން އަބްދުﷲ

2033 ވަނަ އަހަރު ރައީސް ކަމުގައި ހުންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން

Sep 5, 2022
4

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި 2033 ވަނަ އަހަރު ހުންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމުގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ ރޭ އެ ޕްލޭން ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާ އެކު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ޓްވީޓްގައި ތިލަކުރެއްވި ބޮޑު ހުވަފެނުގެ ހަގީގަތަކަށް ވާސިލްވުމަށް ކަންކުރައްވާނެ ގޮތުގެ އެއްވެސް މައުލޫމާތެއް ޓްވީޓްގައި ހިއްސާކުރައްވާފައެއް ނުވެ އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަގުލަބިއްޔަތުން ޕްލޭން ފާސްކުރިއިރު ރިޔާސަތު ބެލެހެއްޓެވީ އިމްރާން އެވެ.

ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. އަދި މި ޕްލޭންގެ ބައިތައް ފައިނަލްކުރީ މިދިޔަ މަހުގެ 11 އިން 13 އަށް ރ. ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ވޯކްޝޮޕެއްގަ އެވެ.

އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު އަށް ދާއިރާއަކުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެވެ.

ޕްލޭންގައި ހިމެނޭ ދާއިރާތައް

  • އެތެރޭގެ ހިންގުން
  • ގޮފި އަދި ދާއިރާތައް
  • ޕަބްލިކް ރިލޭޝަންސް
  • ޕާޓީގެ ސިޔާސަތު
  • އިންތިހާބުތައް
  • ޕާޓީގެ މާލިއްޔަތު
  • ދާހިލީ އަދި ހާރިޖީ ގުޅުންތައް
  • ޕާޓީގެ މެންބަޝިޕް

އަދާލަތު ޕާޓީން މިހާރު ވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި އަތޮޅު ތެރެއަށް ހާއްސަ ދަތުރުތަކެއް ފެށުމަށްވެސް ނިންމާފަ އެވެ. މިދަތުރުތަކުގައި ޕާޓީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަދާލަތު ޕާޓީން މައުލޫމާތުދެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަކީ އިންތިހާބުތަކުގައި ވާދަކޮށް މިހާތަނަށް މާބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ޕާޓީއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް މިވަގުތު އެޕާޓީގެ މެންބަރަކު ނެތެވެ. އިންތިހާބުތަކުގައި ވާދަކޮށް އަދާލަތު ޕާޓީއަށް ކާމިޔާބު ނުވާތީ އެ ޕާޓީއަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ގިނަ އެވެ.