އަފްޣާނިސްތާން

އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމުގެ ވާހަކަތައް އަނެއްކާވެސް ފަށައިފި

އަފްގަނިސްތާނުގައި އޮންނަ ހަނގުރާމަވެރި ތާލިބާން ޖަމާއަތާއި އެގަުމު ސަރުކާރާއި ދެމެދު ސުލްހަ ގާއިމް ކުރުމަށް ކުރެވިދާނެ ކަންކަން ކަނޑައަޅެމަށް މަޝްވަރާ ބައްދަލުވުންތައް ފަށައިފި އެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އަފްގާނިސްތާނު، ޕާކިސްތާން، ޗައިނާ އަދި އެމެރިކާގެ އޮފިޝަލުން ބައިވެރިވާނެ އެވެ. މިއަދު ކުރިއަށްދާ މި ބައްދަލުވުމުގައި ތާލިބާންގެ އޮފިޝަލަކު ބައިވެރިއެއް ނުވެ އެވެ. ހަބަރުތައް ބުނާ ގޮތުގައި ތާލިބާންގެ އޮފިޝަލަކު މި ބައްދަލުވުމުގައި ބައިވެރި ނުވަނީ އެޖަމާއަތުގެ އެތެރޭގައި ހިނގަމުންދާ ލީޑަރޝިޕް ހޯދުމުގެ ކޯޅުންގަނޑުގެ ސަބަބުންނެވެ.

އެހެެން ނަމަވެސް މި މަޝްވަރާތަކުގެ ސަބަބުން ތާލިބާނުންނާއެކު އަލުން މަޝްވަރާ ކުރަން ފެށޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި މަޝްވަރާތައް އިސްނަގައިގެން ފަށާފައިވަނީ ޕާކިސްތާނުންނެވެ.

އަފްގާނިސްތާނުން މީގެކުރިންވެސް ތާލިބާނާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ތާލިބާންގެ ލީޑަރު މުއްލާ އުމަރު މަރުވި ހަބަރާއެކު ސުލްހައިގެ ވާހަކަތައް ވަނީ މެދު ކެނޑިފަ އެވެ.

ތާލިބާނުން އަފްގާން ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިދިތޔަ ޖުލައި މަހު ތާލިބާނުގެ ލީޑަރުގެ މަގާމަށް އައްޔަނު ކުރި މުއްލާ މންސޫރު އެޖަމާއަތުގެ ބައެއް ހަނގުރާމަވެރިން ގަބޫލެއް ނުކުރެ އެވެ. އެގޮތުން މުއްލާ މަންސޫރާ ދެކޮޅު ފެކްޝަނެއްވަނީ އެޖަމާއަތުގެ ތެރޭގައި އުފެދިފަ އެވެ.