ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)

ބޯޓިން އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފި

Sep 6, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންބީއޭއެމްގެ ބޭފުޅުން ވަނީ އެންބީއޭއެމް އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓު ފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުން އެމައްސަލަ ރައީސްގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަގްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަގްވާމީ ކްރޫޒް ލައިނާތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ގުދުރަތީ ވަސީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވި އެވެ.

އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައްވެސް އެބޭފުޅުން ވަނީ ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ބޯޓު ފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިއްމު މައްސަލަތަކަކަށް ވާތީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.