އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ މިހާރު އުޅުއްވަނީ އެހެން ވަޒިފާއެއް ހޯއްދެވުމުގައި ކަމަށް ފޮކްސް ނިއުސް އިން ބުނެފި އެވެ.
ފޮކްސް ނިއުސް ބުނާ ގޮތުން ޕެލޯސީގެ ޕާޓީ -- ޑިމޮކްރެޓުންނަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ގެއްލިއްޖެ ނަމަ މަޖިލީހުގެ ރައިސްކަން އެކަމަނާ އަށް ގެއްލޭނެ އެވެ.
ޕެލޯސީ އުންމީދު ކުރައްވަނީ ކޮންމެވެސް ގައުމެއްގެ ސަފީރުކަން ކަމަށް ވެސް ފޮކްސް ނިއުސް ބުނެ އެވެ.
އެ ގޮތުން ޕެލޯސީ އެންމެ ބޮޑަށް އެދިވަޑައި ގަންނަވަނީ އެމެރިކާގެ އިޓަލީ ސަފީރުގެ މަގާމު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މި އަހަރުގެ ނޮވެމްބަރުގައި އޮންނަ މިޑްޓާމް އިންތިހާބުގައި ޑިމޮކްރެޓުންނަށް މަޖިލީސް ގެއްލިދާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރިޕަބްލިކަނުން ވަރަށް ފަސޭހަކަމާ އެކު މިފަހަރު މަޖިލީސް ހޯދާނެ އެވެ.
ޕެލޯސީ ކޮންގްރެސްގައި މަސައްކަތް ކުރައްވާތާ ޒަމާންތަކެއް ވެއްޖެ އެވެ. ކޮންގްރެސްގައި 1987 ގައި ކެލިފޯނިއާ ތަމްސީލު ކުރައްވައި ޕާޓީގެ ސަމާލުކަން ވަނީ ހޯއްދަވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕެލޯސީ އެދިވަޑައިގަންނަވާ މަގާމެއް -- ވަކި ގައުމަކުން ސަރީރުކަން ބޭނުންފުޅުވި ނަމަވެސް، އެ މަގާމު ބައިޑަން ދެއްވާނެ އެވެ. ފޮކްސް ނިއުސް އިން ވެސް މި މޭރުމުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޑިމޮކްރެޓުން ސަރުކާރު ހިންގާ ގޮތާ މެދު އެމެރިކާގައި މިވަގުތު ނުތަނަވަސްކަން އެބަ އޮތެވެ. ކޮވިޑްގެ ހާލަތު މެނޭޖްކުރި ގޮތުން އަދި ޔުކްރޭން ހަނގުރާމާގައި، ޔުކްރޭނަށް ހޭދަކުރުން އިތުރުވެ އެމެރިކާގެ އާންމުން ހާލުގައި ޖެހުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން ނޮވެމްބަރުގައި އޮންނަ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަނުން ކޮންގްރެސްގެ މައްޗާއި ތިރި ކާމިޔާބުކުރާނެ އެވެ. މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޑިމޮކްރެޓުންގެ މައްޗަށް ރިޕަބްލިކަނުން މިފަހަރު ކާމިޔާބު ހޯދާނެ އެވެ.