އެމްޓީސީސީ

ށ. އަތޮޅުގެ ފެރީ ދަތުރުތަކުން އަގު ނަގަން ފަށައިފި

Sep 7, 2022
1

އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރަސްމީކޮށް ށ. އަތޮޅުގައި ފަށައި ދަތުރުތަކަށް ކަނޑައަޅާފައިވާ އަގު ނަގަން ފަށައިފި އެވެ.

އާރްޓީއެލްގެ ށ. އަތޮޅު ދަތުރުތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ފަށާފަ އެވެ. މިދިޔަ ދެ ހަފްތާ ދަތުރުތައް ކޮށްފައިވަނީ ހިލެ އެވެ.

އެމްޓީސީސީ އިން ބުނީ ތަޖުރިބާގެ ދަތުރުތައް ހުއްޓާލުމަށްފަހު ޓިކެޓް ނަގައިގެން ދަތުރުކުރާ ގޮތަށް މިއަދުން ފެށިގެން ދަތުރުތައް ކުރިއަށް ގެންދާ ކަމަށެވެ.

އެހެންކަމުން ކައުންސިލް މެދުވެރިކޮށް ފެރީ ދަތުރުތަކަށް ޖާގަ ދިނުން މިހާރު ވަނީ ހުއްޓާލާފަ އެވެ. ޕެސެންޖަރުން ޓިކެޓް ނަގަން ޖެހޭނީ އެމްޓީސީސީ އިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓުން ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ށ. އަތޮޅުގައި ފެރީ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަތް ރޫޓަކުންނެވެ. މި ރޫޓްތަކުން ހަތަރު ފެރީއެއް ދަތުރުކުރާނެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގައިވެސް ފަށާފަ އެވެ.

އާރްޓީއެލްގެ ހިދުމަތުގެ ތެރޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުންވެސް ހިމެނެ އެވެ. އެގޮތުން މާލެ، ލ. އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް އެމްޓީސީސީން މިހާރު ވަނީ ބަސްތަކެއް ގެނެސް ހިދުމަތަށް ނެރެފަ އެވެ.