ރައްޔިތުންގެ މަޖިލިސް

ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާލިއްޔާއަށް ނުވަންނާތީ ގަރާރެއް

Sep 7, 2022

ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުކުރެވޭނެ ގޮތެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިގަރާރު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް އެކަށީގެންވާ އަދަދަކަށް ބޭރު ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެ ފައިސާ ދައުރު ނުވާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެއިތުރުން ދިވެހި އުފެއްދުންތައް ބައެއް ރިސޯޓްތަކުން ބޭނުން ނުކުރާތީ އެކަމަށް ހައްލު ހޯދުމަށްވެސް ގޮވާލެއްވި އެވެ.

"ރިސޯޓްތައް ދޫކުރުމުގައި އަދި މިކަމުން ލިބޭ އާމްދަނީ ރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތްތަކަށް ސިސްޓަމް ބަދަލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" ގަރާރުގައި ވިދާޅުވި އެވެ.

ގަރާރަށް ވާހަކަދެއްކެވި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ބައެއް މެންބަރުން ވިދާޅުވީ ރާއްޖެއަށް ލިބޭ ބޭރު ފައިސާ ރާއްޖޭގައި ބަހައްޓަން މަޖުބޫރު ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅެ އަޅައިފިނަމަ ރާއްޖޭގެ އިގްތިސޯދަށް މާބޮޑު ގެއްލުމެއް ވެދާނެ ކަމުގައިވެސް ގަރާރަށް ދެކޮޅު ހެއްދެވި ބޭފުޅުން ވިދާޅުވި އެވެ.

ގަރާރަށް ތާއީދު ކުރެއްވި މެންބަރުން ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބެހެއްޓޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން އަވަސް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގައި ރިސޯޓްތަކުގެ ވެރިން ބައެއް ފަހަރު ގާނޫނުތައް ނުހިނގާ ކަމަށާއި ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންނަށް ވެސް ބައެއް ރިސޯޓްތަކުން ގާނޫނުގައިވާ ގޮތަށް ކަންކަން ނުކޮށްދޭ ކަމުގެ ޝަކުވާ ވެސް މެންބަރުން ކުރެއްވި އެވެ.