ލައިފްސްޓައިލް

ވަޒީފާ އަދާކުރަމުން ކިޔެވުމަށް ފުރިހަމަ ސަމާލުކަން ދޭނީ ކިހިނެއް

Sep 9, 2022

ސުކޫލު ދައުރު ނިންމައި، މަތީ ތައުލީމު ހާސިލްކުރުމަށް ގިނަ ކުދިން އަތުކުރި އޮޅާލާއިރު، ވަޒީފާއަކަށް ދަމުންވެސް ރަނގަޅަށް ކިޔެވިދާނެތޯ މިއީ ގިނަ ކުދިން އަދި، ޒުވާނުންގެ ހިތުގައިވެސް އުފެދޭ ސުވާލެކެވެ. އަދި މިއަދު ގިނަ ކޮލެޖު ޔުނިވާސިޓީތަކުގެ ދަރިވަރުންނަކީ، މިފަދައިން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.

މިގޮތުން ކިޔެވުމާއި ވަޒީފާގެ މައިދާނުގައިވެސް ކާމިޔާބު މީހަކަށް ވުމަށްޓަކައި އެ މީހަކީ އެއްފަހަރާ އެންމެ ކަމަކަށްވުރެ ގިނަ ކަންކަމުގައި ޝާމިލުވެ، "މަލްޓިޓާސްކް" ކުރެވޭ މީހަކަށް ވާންޖެހެ އެވެ. މި ހުނަރު އެ ދަރިވަރެއްގެ ކިބައިގައި އަށަގަނެފައި ހުރުން ވަރަށް މުހިއްމެވެ.

ހަމައެހެންމެ އެ މީހަކު ކިޔަވާ ގޮތްވެސް ކާމިޔާބުވުމުގައި އެހީތެރިވެދެ އެވެ. އޮންލައިންކޮށް ކިޔަވާ މީހެއްނަމަ ކުލާހަށް ދާން ނުޖެހި ގޭގައި އިނދެގެން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާއިރު ވަޒީފާގައި އުޅޭ މީހެއްނަމަ މިއީ ކުލާސްތަކަށް ގޮސް ކިޔެވުމަށް ވުރެ މާފަސޭހަ ގޮތަކަށް ވެދާނެ އެވެ. ނަމަވެސް ކުލާސްތަކަށް ހާޒިރުވެ ކިޔަވާނަމަ، ތާވަލެއް ހަދައި، ކިޔެވުމާއި އަދާކުރާ ވަޒީފާ ބެލެންސްކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.

މީގެއިތުރުން ދެކަމަށް ވަގުތު ކަނޑައަޅާއިރު އަދާކުރާ ވަޒީފާގެ ގަޑިއަކީ، ކުލާސްތަކުގެ ގަޑިތަކަށް ބުރު ނާރާ ގަޑިތަކެއްތޯ ބަލައި، ޔަގީން ކުރަންޖެހެ އެވެ. އެގޮތުން، ކިޔެވުމަށް ވަގުތު ހުސްކުރެވޭނެ ފަދަ ވަޒީފާއެއް އަދާކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މިސާލަކަށް ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރެވިދާނެ އެވެ. ކިޔެވުމަށް ފުރިހަމަ ސަމާލުކަން ދެވޭނީ އޭރުންނެވެ.

ކިޔަވަމުންދާއިރު ހަވާލުކުރެވޭ އެސައިންމެންޓްތަކާއި އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ޑިއުޓީ ގަޑިއަށްފަހު ވަގުތު ހުސްނުކުރެވުމަކީ ގިނަ މީހުނަށް ދިމާވާ މައްސަލައެވެ. އެތައް ގަޑި އިރެއްގެ ބުރަ މަސައްކަތަށްފަހު، އިތުރުކަމެއް ކުރާނެ ބުންވަރާއި ހިތްވަރު ހަށިގަނޑުގައި ނުހުންނަނީ އެވެ. އަރާމަށާއި ނިދުމަށް އަވަސްވެ ގަނެވެނީ މި ސަބަބާ ހެދި އެވެ. ނަމަވެސް ވަޒީފާ އަދާކުރަމުން ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާ ހޯދަން ބޭނުންވާނަމަ ކޮލެޖުގެ މަސައްކަތްތައްވެސް ނިންމައި ހަވާލުކުރަންޖެހެ އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ ތިމާގެ ހަށިގަނޑަށާއި ސިކުނޑިއަށް އަރާމުކުރަން ވަގުތުކޮޅެއް ދިނުމަށްފަހު، ދެން ކުރަންޖެހޭ ކަންކަމުގައި މަސްއޫލުވުމެވެ. ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ފަދަ ކާނާ ކެއުމެވެ. މިއީ ވަޒީފާ އަދާކުރަމުންވެސް ކިޔެވުމުގައި މަތީ ސަނަދުތައް ހާސިލް ކުރުމަށްޓަކައި އަމަލު ކުރެވިދާނެ ގޮތްތަކެވެ.