ފެނަކަ ކޯޕްރޭޝަން

އުނގޫފާރު އިންޖީނުގެއާ ފެނަކަ އިން ހަވާލުވެއްޖެ

Sep 7, 2022

ރ. އުނގޫފާރު ރައްޔިތުންގެ ނަމުގައި އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އުނގޫފާރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ. އުނގޫފާރު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލް ރައީސް އަބްދުﷲ ރަޝީދު އެވެ.

މިރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެންވަޔަރަންމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ، އިނގުރައިދޫ ދާއިރާ ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރުންނާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ވަނީ އުނގޫފާރު އިންޖީނުގޭގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ފެނަކަ ކޯޕަރޭޝަނަށް ބަދަލުކޮށް ވަޒީފާ ދިން ކަމުގެ ލިޔުންވެސް ހަވާލުކޮށްފަ އެވެ.

އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި މިވަނީ ރައްޔިތުންގެ ނަމުގައި 24 އަހަރު އެތަން ހިންގުމަށްފަހު އެވެ.

ރ. އަތޮޅުގެ ވެރިރަށް -- އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވީ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމުގައި އުއްމީދުގައި ކަމަށެވެ.

އާބާދީގައި 1،753 މީހުން ހިމެނޭ އުނގޫފާރު އިންޖީނުގެއާ ފެނަކަ އިން ހަވާލުވުމަށްފަހު އެ ކުންފުނިން ވަނީ އުނގޫފާރަށް 800 ކިލޯވޮޓުގެ މުޅިން އާ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.