މޯލްޑިވްސް ޕޮލިސް ސާވިސް

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Sep 8, 2022

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ.

މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

މި ތިން މީހުން ހައްޔަރުކުރީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގައި ކަމަކަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި މިތިން މީހުންނަކީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. ތިން ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރުމުގެ ފުުރުސަތުވެސް ޕީޖީ އަށް އޮތެވެ. އެކަމަކު މި ގާނޫނުގެ ދަށުން ދައުވާ ކޮށްފިނަމަ ލިބޭ އަދަބު ބޮޑުވެ އެވެ.

ދައުވާ ކުރުމާ އެކު ނާޒިމާއި ނަޝީދު އަދި އަބްދުއްރަހްމާން ވަނީ ދޫކޮށްލާފަ އެވެ.